ENGLISH
22 އޭޕްރީލު 2025
އެޗްއާރުސީއެމްގެ ނައިބަކަށް މުއުމިނާ އައްޔަނުކުރަން ފާސްކޮށްފި
20 ޖެނުއަރީ 2025
|
އެޗްއާރުސީއެމްގެ ނައިބަކަށް އައްޔަނުކުރަން ފާސްކުރެވުނު މުއުމިނާ (ފޮޓޯ/ ޕީއެސްއެމް)
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުއުމިނާ ވަހީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރުސީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުއުމިނާ އެ ކޮމިޝަންގެ ނައިބަކަށް އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އިއްވަވައި، އެ މައްސަލަ ކޮމިޓީއަށް ފޮނުއްވީ ދައުރުން ބޭރުން މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމީ އެ ކޮމިޝަންގެ ނައިބަކަށް މުއުމިނާ އައްޔަނުކުރަން ފެންނަ ކަމަށެވެ.
އެ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީގެ ރިޕޯޓު މަޖިލީހުހެ ތަޅުމަށް ހުށަހެޅީ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ. އެ ޖަލްސާގައި ނެގި ވޯޓުގައި އެޗްއާރުސީއެމްގެ ނައިބަކަށް މުއުމިނާ އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓާ އެކު އެވެ.
މުއުމިނާ ވަހީދަކީ 2020 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަންގެ މެމްބަރެކެވެ.
އެޗްއާރުސީއެމްގެ ނައިބުކަން ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޙުމަދު އަދުހަމް އަބްދުﷲ އިސްތިޢުފާ ދެއްވުމުންނެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ މުއުމިނާގެ އިތުރުން އެ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އާއި ސަމާއު އަހުމަދު ނަޖީބް އަދި އިސްމާޢީލް ހަބީބެވެ.