ENGLISH
22 އޭޕްރީލު 2025
ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން: ރައީސް
20 ޖެނުއަރީ 2025
|
ޒަމާނުއްސުރެން މި ޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ އެކު ދައުލަތު ހަދާފައިވާ އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް އުވާލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް އިއްޔެ ނިންމެވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެ އޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވައިފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ލުއިތަކެއް ދިނުމަށް ދައުލަތާ އެކު އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް އެމްޑީޕީގެ ސަރުކާރުން ހަދާފައިވާ މީހުންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު، މ. ލޭންޑް އޮފް ގާރޑެން، އަޙްމަދު އިޝްފާޙް ޢަލީ، މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް އަދި ގ. އޮއިވާލި، މުޙައްމަދު ޙުސައިން ހިމެނެއެވެ. މި އެންމެންނާ އެކު ހަދާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް އުވާލައްވާފައި ވަނީ އިއްޔެ އެވެ. މީގެ އިތުރުން ހ. އާހަމަ، ޢަބްދުالله ޒިޔާތުއާ އެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް، މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ މި މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީއެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ވަނީ އަންގަވައިފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އިޢުތިރާފް އެއްބަސްވުންތަކުގެ ސަބަބުން އަދީބަށް ވެސް ބޮޑެތި ލުއިތަކެއް ލިބުނެވެ.
އަދީބުގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވި ނަމަވެސް އޭނާގެ މައްޗަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމް ހަތަރު ދުވަހަށް ކުޑަކޮށް ދީފަ އެވެ. އެހެންވެ އޭނާ މިހާރު ހުރީ މިނިވަންވެފަ އެވެ.