ENGLISH
22 އޭޕްރީލު 2025
ޝުޢައިބު އަވަހާރަވުމަކީ ޝަރުޢީ ދާއިރާ އަށް ލިބުނު ފުން ހިތާމައެއް: ރައީސް
19 ޖެނުއަރީ 2025
|
ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ޤައުމަށް އަދި ވަކީން ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ޝުޢައިބު ހަސަން ޒަކަރިއްޔާ، 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައި ވެސް އެމަނިކުފާނަކީ ޚާއްޞަ ޚިދުމަތްތެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖް ނިންމަވާލައްވާފައި ވަނީ މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރައްވައި އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރު ކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވަމުންނެވެ.
އުމުރުފުޅުން 55 އަހަރުގައި ޝުޢައިބު މިއަދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.
ގދ. ހޯނޑެއްދު އަށް އުފަން ޝުޢައިބު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މާޗު 26، 2011ގަ އެވެ. ޝުޢައިބު ވަނީ ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. އެމަނިކުފާން ރިޓަޔާކުރެއްވީ ނޮވެމްބަރު 22، 2022 ގައެވެ.
ޝުޢައިބު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވައިފައެވެ.
ޝުޢައިބު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ޚާއްސަ ޤާޟީ ކަމާއި ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީ ކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސްކަން ވެސް ޝުޢައިބު ކުރެއްވިއެވެ.
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ޤާނޫނު ކިޔަވައިދެއްވި ލެކްޗަރާއެއްގެ ގޮތުގައި ވެސް ޝުޢައިބު މަސައްކަތް ކުރައްވާފައިވެއެވެ.