ENGLISH
22 އޭޕްރީލު 2025
ޑްރަގް ޓްރީޓްމެންޓް ފުރިހަމަވާނީ ކުއިޓް ސްމޯކިން ސެޝަންތަކަށް ފަހު: ލުބުނާ
19 ޖެނުއަރީ 2025
|
ނޭޝަނަލް ޑްރަގް އެޖެންސީގެ މުޅި ފަރުވާދޭ ނިޒާމު ހަރުދަނާކޮށް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދޭން ފަށާނީ ކުއިޓް ސްމޯކިން ސެޝަންތައް ނަގައިދީ އެކަމަށް ފަރުވާ ދިނުމަށް ފަހު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓާރ މިހެން ވިދާޅުވީ އެމްއެމް ޓީވީ އަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައެވެ.
ލުބްނާ ވިދާޅުވީ، ޑްރަގް ޕްރިވެންޝަން އަށް އެންމެބޮޑު މަސައްކަތެއް ކުރައްވާފައި ވަނީ މި ސަރުކާރުން ކަމަށާއި، މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކަމަށެވެ. މަސްތުވާތަކެއްޗަށްދާ ކުދިން މަދުކުރުމަށްޓަކައި ދުންފަތާ ބެހޭ ގާނޫނު ރަނގަޅަށް ތަންފީޒު ކުރުން މުހިންމުކަން ލުބްނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ލުބްނާ ވިދާޅުވީ، މިއަދު ނިންމި މުހިންމު އެއް ނިންމުމަކީ މަސްތުވާތަކެތި ފަރުވާ ކުރިން ޑިޒައިން ކުރެވިފައިވާ ގޮތް ބަދަލުކޮށް، މަސްތުވާތަކެތި ފަރުވާ ނިމޭނީ ކުއިޓް ސްމޯކިން ސެޝަން އަދި ކައުންސިލިންދީ އެބައި ނިމުމަށް ފަހުގައި ކަމަށެވެ. އަދި ޑްރަގް ކޯޓްގައި އެންޑޯސްކޮށްފައިވާ ޕްރޮގްރާމްތަކަށް ވެސް އެ ބަދަލު ގެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުޅި ނެޝަނަލް ޑްރަގް އެޖެންސީގެ ފަރުވާ ދޭ ނިޒާމް މި ބަދަލުވީ ޑްރަގް ޓްރީޓްމަންޓް އަދި ސްމޯކް ފްރީ ކުރަން. ކުއިޓް ސްމޯކިން އާއި މި ދެބައި އެއްކޮށް ކުރިއަށްގެންގޮސް ދެ އެޑިކްޝަން ފިލުވާލަން ކުރަންޖެހޭ މަސައްކަތްކޮށްފައި ކުދިން ފަރުވާގެ ނިޒާމް ނިންމަން،" - ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން .
ލުބްނާ ފާހަގަ ކުރެއްވީ، ނޭޝަނަލް ޑްރަގް އެޖެންސީއާ ހަވާލުވީއިރު ރިހެބްލިޓޭޝަން ފަރުވާގައި ތިބީ ގާތްގަނޑަކަށް 30 މީހުން ކަމަށެވެ. އަދި މިކަމާ ގުޅިގެން ބެލެނިވެރިންނާއި އެކިއެކި ފަރާތްތަކުން އަންނަ ޝަކުވާތައް ބަލައި އެކަންތައް ހައްލުކުރުމުގެ މަސައްކަތް ފަށައި މި ޚިދުމަތް ހޯދުމަށް މިހާރު ކުރިއަށްވުރެ ފަސޭހަވާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ. އެގޮތުން ކުރިން އޮންނަ ގޮތް ބަދަލުކޮށް ފަރުވާއަށް ދާ މީހުންނާ އެކު ސެކިއުރިޓީ އާއި ރިހެބްލިޓޭޝަންގެ ބޭފުޅުން ހަރަކާތްތެރިވާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ފޯމެއް ފުރާލުމަކުން އެންޑީއޭގެ ޒިންމާ އަދާވީކީ ނޫންކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ، މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަކީ ފަސޭހަ ކަމެއް ނޫންކަން ޤަބޫލްކޮށް އެމީހުންގެ ހާލަތު ދެނެގެން ތިބެ ފަރުވާގެ ނިޒާމް ބައްޓަން ކުރަންޖެހޭ ކަމަށެވެ.
ހަމަ މިއާއިއެކު ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވީ، މުޖްތަމަޢުގައި ބައިތިއްބައިގެން ފަރުވާ ދިނުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށެވެ. މިފަރުވާ ފެށުމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން މިހާރު ހުއްދަ ދީފައިވާއިރު، މިފަރުވާ ރަށްރަށުގައި ކުރިއަށްގެންދާނީ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ކަމަށް އެންޑީއޭގެ ޗެއަރޕާސަންގެ މަގާމު ވެސް އަދާކުރައްވާ ލުބްނާ ވިދާޅުވިއެވެ.
ލުބުނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވަޅަކީ، ޑިޓޮކްސިފިކޭޝަން ކަމަށެވެ. އެގޮތުން މި ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނީ، ޑޮކްޓަރުންގެ އެހީގައި ބޭސް ދީގެން ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލައެވެ. މިމައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހުމަކީ އެންމެ މުހިންމު ހައްލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.