ENGLISH
22 އޭޕްރީލު 2025
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދި 6 ކުދިން ފަރުވާ އަށް ފަހު ރާއްޖެއަށް
19 ޖެނުއަރީ 2025
|
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖޭން ބޭރަށް ފޮނުވި ތެލެސީމިއާ ހަ ކުއްޖަކު ކާމިޔާބުކަމާ އެކު ފަރުވާ ފުރިހަމަކުރުމަށް ފަހު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
މޯލްޑިވްސް ބްލަޑް ސާވިސް އިން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވި ހަ ކުދިން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއީ ތެލެސީމިއާ ކުދިންގެ ފަރުވާ އަށް މި ސަރުކާރުން އިސްކަންދޭ މިންވަރު އަންގައިދޭ ކަމެއް ކަމަށް ވެސް އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ބޯންމެރޯ ހެދުމަކީ އާސަންދައިގެ ދަށުން ހިލޭ ހޯދޭ ފަރުވާއަކަށް ހެދުމަކީ މި ސަރުކާރުގެ ވަޢުދުފުޅެކެވެ. ސަރުކާރުގެ މި ވަޢުދާ އެއްގޮތަށް މިދިޔަ އަހަރު ވަނީ ބޯންމެރޯ ހެދުމަށް 14 ކުއްޖަކު ރާއްޖޭން ބޭރަށް ފޮނުއްވައިފައެވެ.
ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި، ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަަޖައްސައިދެއްވަން، ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައެވެ.
ކެމްޕެއިނަށް، ހއ. އަތޮޅުގެ އުތީމަށް ވަޑައިގެން 14 އޮގަސްޓް 2023 ގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަމަށް އިސްކަންދެއްވާނެ ކަމަށެވެ. ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނައިރު، އެ ކުދިންގެ ފަރުވާއަށް ވެސް ހަރުދަނާ ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ތެލަސީމިއާ ކުދިން އެކަމުން ސަލާމަތްވާން ދޭ ފަރުވާ ބޯންމެރޯ ސަރުކާރުގެ ޚަރަދުގައި ހިލޭ ހަދައިދޭން ފެއްޓެވީ މި ސަރުކާރުގެ ފުރަތަމަ މަހުގެ ތެރޭގައެވެ. ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ހަދަން ކެބިނެޓުން ނިންމެވީ 10 ޑިސެމްބަރު 2023 ގައެވެ.
ތެލަސީމިއާ ފަރުވާއަށް ވަށައިޖެހޭ ޚިދުމަތް ލިބޭ ހޮސްޕިޓަލެއް ހަދައި، ރަށްރަށުން އަންނަ މީހުންނަށް ވެސް އެތަނުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސަން ކެބިނެޓުން ވަނީ ނިންމަވައިފައެވެ.
ތެލަސީމިއާ ފަރުވާއާ ގުޅޭ ގޮތުން 10 ޑިސެމްބަރު 2023 ގައި ކެބިނެޓުން ނިންމެވި ކަންކަމުގެ ތެރޭގައި، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބްލްސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ކުރިން ލިބުނަސް އެއީ މޯލްޑިވްސް ބްލަޑް ސާވިސް މެދުވެރިކޮށް ހޯދަންޖެހޭ ޚިދުމަތަކަށް ވާތީ މި ތަކެތި ހޯދުމުގައި ލަސްތަކެއް އުޅޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް އާސަންދައިން ލިބޭ އެއްޗެހީގެ ގޮތުގައި ހަމަޖެއްސެވުން ހިމެނެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ކުއްޖާ ރާއްޖޭން ބޭރަށް ފޮނުވީ 14 ޑިސެމްބަރު 2023 ގައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މިހާރު ވެސް 22 ކުއްޖަކު ވެއިޓްލިސްޓްގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މިދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ސަރުކާރުން ފޮނުއްވިއެވެ. ހަތް ކުއްޖަކު ޓްރާންސްޕްލާންޓް ނިންމިއިރު މި ވަގުތު ވެސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހަތް ކުދިން އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވި އެވެ. ބޭރުގައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު އަންނަ މަހު ރާއްޖެ އަންނާނެއެވެ. ބާކީތިބި ހަތަރު ކުދިންގެ ފަރުވާ މި ވަގުތު ދަނީ ކުރިއަށެވެ.
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާނަސްޕްލާންޓް ހެދުމަށް މި އަހަރު ވެސް 10 ކުދިން ރާއްޖޭން ބޭރަށް ފޮނުވުމަށް ވަނީ ނިންމަވައިފައެވެ.
އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޒަކާތު ފަންޑުން އެހީ ދިނުމަށް ހެލްތު މިނިސްޓްރީއާ އެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ އާބާދީގެ 16.6 އިންސައްތަ މީހުންނަކީ ތެލަސީމިއާ ވާރުތަކުރާގޮތް ހުންނަ މީހުންނެވެ. ރާއްޖޭގައި މި ވަގުތު ތެލެސީމިއާގެ 659 ކުދިން އެބަތިއްބެވެ.