ENGLISH
22 އޭޕްރީލު 2025
ޝުކުރިއްޔާ: ހުޅުމާޅެ ހޮސްޕިޓަލުން އަހަރެންނަށް ކުރެވުނު ހިތް ފަސޭހަ ތަޖުރިބާ މުޅިން ތަފާތު
19 ޖެނުއަރީ 2025
|
ހުޅުމާލެ ހޮސްޕިޓަލުގެ އީރާރުން އަހަރެން ފަރުވާ ހޯދިއިރު ނަގާފައިވާ ފޮޓޯއެއް
އެއީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. ރައްޓެހިންނާއެކު ކޮފީއެއްގައި އިންދާ ކުއްލިއަކަށް ބޮލަށް އެނބުރުން އަރަން ފެށިއެވެ. ލޮލުގެ ފެނުމަށް އަސަރުކުރާ ވަރަށް ބޮލުގައި ރިހެން ފެށިއެވެ. ދުލާއެކު މުޅި މޫނު އައްސިވެ، ވާހަކަ ދައްކަން ދަތިވިއެވެ. އެހިސާބުން އަހަރެން ދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
ޓްރައިއޭޖުން ނަންބަރެއް ނެގިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ނަމްބަރު ޖެހިއްޖެއެވެ. އެތެރެއަށް ވަނުމާއެކު ނަރުސްކުއްޖާ އެހިއެވެ؛
"ކިހިނެއް ވާތީ ތި ދައްކާލަނީ،"
ވާހަދަ ދެއްކުމަށް ހުރި ދަތިތަކުގެ ސަބަބުން ލަސް ލަހުން ވާހަކަ ދައްކައި ހާލަތު ބުނެދިނީމެވެ.
ނަރުސްކުއްޖާ އަހަރެންގެ ލެއާ ޕަލްސް އަދި އޮކްސިޖަން އަދި ހަކުރު ޓެސްޓް ވަގުތުން ހަދާލިއެވެ. ހުރިހާ ކަމެއްވެސް ނަރުސް ކުއްޖާއަށް ފެނުނީ ރަނގަޅަށެވެ. އެހެންނަމަވެސް އަހަރެންގެ ވާހަކަތަކަށް ބުރަވާއިރު އޭނާއަށް ފެނުނީ އަވަސް ނަމްބަރެއް ދީގެން ވީއެންމެ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.
އަވަސް ނަމްބަރު ދިނުމަށް ފަހު ނަރުސް ކުއްޖާ އެ ނަމްބަރު ހިފައިގެން ކައުންޓަރަށް ގޮސް އަހަރެންގެ މެމޯކޮޅު ހައްދައިދިނެވެ. އެއީ އަހަރެން އެކަނި ހޮސްޕިޓަލަށް ގޮސް އުޅޭތީ، ކޮޅަށް ހުންނަން އުނދަގޫވެދާނެތީއެވެ. މިއީ އަހަރެންގެ ހަޔާތުގައި މިފަދަ ހިތް ހެޔޮ ގޮތަކަށް ރާއްޖޭގެ ހޮސްޕިޓަލަކުން ޚިދުމަތް ދިން ފުރަތަމަ ފަހަރެވެ. އަހަރެންނަށް ހިތް ހަމަ ޖެހުން ލިބުނެވެ. އުފާވިއެވެ. ފެންކަޅިވިއެވެ.
ހަ ނަމްބަރު ކޮޓަރިއަށް ނަމްބަރު އެރުމާއެކު އަހަރެން ގޮސް ޑޮކްޓަރު ކޮޓަރިއަށް ވަނީމެވެ. ގޮނޑީގައި އެއިންނެވީ ޒުވާން ދިވެހި ޑޮކްޓަރެކެވެ. އަހަރެން ގޮސް ގޮނޑީގައި އިށީނުމާއެކު ގިނަ ސުވާލުތަކެއް ކުރިއެވެ. އަހަރެންގެ ވާހަކަތައް އަޑު އެއްސެއެވުމަށް ފަހު، ފިޒިކަލް އެގްޒަމިނޭޝަން ވެސް ހެއްދެވިއެވެ. އެއަށް ފަހު ވަގުތުން އެގުޅުއްވީ ސްޕެސިއަލިސްޓް ޑޮކްޓަރަކަށެވެ. އަހަރެންގެ ކިބައިން ފާހަގަ ކުރެއްވުނު ކަންކަން ސްޕެސިއަލިސްޓް ޑޮކްޓަރު އަޑު އެއްސެވުމަށް ފަހު އިރުޝާދު ދެއްވީ ވަގުތުން ސިކުނޑީގެ ސީޓީ ސްކޭނަކާއި އީސީޖީއެއް ހެދުމަށެވެ.
ޑޮކްޓަރު ސާވިސް ރިކުއެސްޓް ލިއެދެއްވުމަށް ފަހު، ސީޓީ ސްކޭނަށް ރިކުއެސްޓް ކުރެއްވުމަށް ގުޅުއްވައި ވަގުތުން ސްކޭން ހެއްދޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވިއެވެ. އަދި އަހަރެންނާއެކު ސްކޭން ކުރާ ކޮޓަރިއަށް ވަޑައިގެންނެވީ ސީދާ ޑޮކްޓަރެވެ.
ސްކޭން ކުރާ ކޮޓަރިއަށް ދިޔަ މަގުމަތީގައި ޑޮކްޓަރު ވިދާޅުވިއެވެ.
"މިހާރު ފެންނަ ސިމްޕްޓަމްސްތަކަށް ބަލާއިރު ސީރިއަސް ބައެއް ކަހަލަ ބަލިތަކުގެ ސިިމްޕްޓަމްސްތަކާ ވައްތަރުކަމުން އަޅުގަނޑުވެސް އަދި ނިއުރޮ ޑޮކްޓަރުވެސް ވީއެންމެ އަވަހަކަށް އެކަންކަން ޔަގީންކޮށްލަން ބޭނުންވެގެން ސްކޭން މިހަދަނީ، އޭގެ ފަހުން އީސީޖީ ވެސް ހަދަން އިރުޝާދު ދިނީ. ސްކޭނަށް ފަހު އަޅުގަނޑު ބޭނުން ވަނީ ބޭބެ އީއާރުގައި މަޑުކޮށްލަން ރިޕޯޓްތައް ލިބެންދެން. އެއީ އީއާރް އޮބްޒަވޭޝަންގައި ނޫނީ ބާއްވަން އަޅުގަނޑު ބޭނުމެއް ނުވޭ ތިހާލަތުގައި،"
ސީޓީ ރޫމަށް ދިޔައިރު ޓެކްނީޝަނުން ތިބީ ތައްޔާރަށެވެ. އަހަރެން ވަނުމާއެކު ވަގުތުން ސްކޭންކޮށް ނިންމައިފިއެވެ.
އަހަރެން ކޮޓަރިން ނުކުތްއިރު ޑޮކްޓަރު އެއްކަހަލަ ޑޮކްޓަރު އިންތިޒާރުގައި ހުންނެވިއެވެ. އަހަރެންގެ އަތުގައި ހިއްޕަވައިގެން އެވަޑައިގެންނެވީ އީއާރަށެވެ.
އީއާރު ކައުންޓަރުގައި އެވަގުތު ތިއްބެވި ތިން ޑޮކްޓަރުންނަށް އަހަރެންގެ ކޭަސް ބްރީފް ކުރެއްވުމަށް ފަހު، އެ ޑޮކްޓަރުންނާ އަހަރެން ހަވާލުކުރެއްވިއެވެ. އީރާރު ނަރުސް ކުއްޖަކު އަހަރެން ގެންގޮސް އެނދެއްގައި ބޭއްވިއެވެ.
ތިން ޑޮކްޓަރުން އަހަރެން ގާތަށް ވަޑައިގެން އަނެއްކާވެސް ސުވާލު ކުރައްވަން ފެއްޓެވިއެވެ. ހިސްޓްރީ އޮޅުން ފިލުއްވުމުގެ ގޮތުންނެވެ. އެކަން މެދުވެރިވި ސަބަބު ދެނެލެއްވުމުގެ ބޭނުންފުޅުގައެވެ. އޭރު އަހަރެންގެ ބޮލުގައި ރިހުން ގަދަކަމުން ކަނާތު ލޯ ރަނގަޅަށް ހުޅުވާވެސް ނުލެވެއެވެ. އެހިސާބުން ޑޮކްޓަރުންގެ ޓީމުން ނިންމީ ޕެރަސެޓަމޯލް އިންޖެކްޝަނަކުން ތަދުކަނޑުވާލުމަށް ފަހު، ބޮލުގެ ސީޓީ ސްކޭންގެ ނަތީޖާ ލިބެން ވާއިރަށް އިތުރު ބައެއް ލޭގެ ޓެސްޓްތައްވެސް ހަދާލާށެވެ.
އީއާރުގެ ޑޮކްޓަރުންގެ ޓީމް ލީޑް ކުރައްވަން އެވަގުތު ހުންނެވި ދިވެހި އަންހެން ޑޮކްޓަރަކު އަޅުގަނޑަށް މައުލޫމާތު ދެއްވިއެވެ.
"އަޅުގަނޑުމެން ބެލިބެލުމުން މާސީރިއަސް ކަމެއް ފާހަގައެއް ނުކުރެވޭ. އެހެންނަމަވެސް އަޅުގަނޑުމެން ޕޭޝަންޓް ޑިސްޗާޖްކޮށްލާނީ ބޭނުންވާ ހުރިހާ ޓެސްޓްތަކެއް ހަދައި ނިންމާފަ. އީއާރުގައި އޮންނައިރު އަޅުގަނޑުމެން އަބަދުވެސް ބަލިމީހާ އޮބްޒާވް ކުރަމުން ގެންދާނަން، އެއްވެސް ކަމެއް ގޯސްވޭތޯ ބެލުމަށް. ބަލިމީހާ އެކަނި ހޮސްޕިޓަލަށް އައިސް އުޅޭތީ، އީއާރް ސްޓާފަކު ލައްވާ ހުރިހާ މެމޯތަކެއް ހަދައިދޭނަން. ބެލެނިވެރި ފަރާތެއް އަތުވެއްޖެނަމަ މިހާރު މި ޖަހާ އިންޖެކްޝަންތައް ނަގައިގެން ގެނެސްދެއްވާތީ. ލަސްވަންޏާ އެކަން ވެސް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،"
އަހަރެންނަށް ލިބެމުން ދިޔައީ ހައިރާންކަމެވެ. ކޮންފަދަ ހިތްހެޔޮ ތަޖުރިބާއެއް ހެއްޔެވެ؟ އަހަރެންނަކީ ވަރަށް ގިނައިން ހޮސްޕިޓަލްތަކުގެ އިމަޖެންސީން ފަރުވާ ހޯދަން ޖެހުނު މީހެކެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން ހޯދަން ޖެހެއެވެ. އެހެންނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން މިރޭ އަހަރެންނަށް މިކުރެވެނީ އާދަޔާ ޚިލާފު އުފާވެރި ތަޖުރިބާއެކެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ހިތްހެޔޮ ކަމާއި އަޅައިލުންތެރިކަމުގެ އިންތިހާއެވެ. ބަލި މީހެއްގެ ހައިސިއްޔަތުން އަހަރެން ހުރީ ރުހިފައެވެ. އުފާވެފައެވެ.
ރޫމް ނަމްބަރު ހަޔަކުން އަހަރެން ބެއްލެވި ޑޮކްޓަރު އަހަރެންގެ ފޯނަށް ގުޅުއްވައި ހާލު އޮޅުން ފިލުއްވިއެވެ. އަދި އަވަސް ޝިފާއަކަށް އެދޭ ކަމަށް ވިދާޅުވެ ފޯނު ބޭއްވެވިއެވެ. މިއީ ކުރިން އަަހަރެންނަށް ކުރެވިފައިނުވާ ހިތްގައިމު ތަޖުރިބާތަކެކެވެ.
މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. އީއާރު ޑޮކްޓަރަކު ވަޑައިގެން އަޅުގަނޑަށް ރިޕޯޓްތަކުގެ މައުލޫމާތު ދެއްވަން ފެއްޓެވިއެވެ. އޭނާ ވިދާޅުވީ ޓެސްޓްތަކުން ސީރިއަސް މައްސަލައެއް ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ. އެހެންކަމުން ތަދުކަނޑުވާ ބޭހަކާއި ނާރުގެ ބޭހެއްގެ އިތުރުން ވިޓަމިނެއް ދިނުމަށް ސްޕެޝަލިސްޓް ޑޮކްޓަރުން ލަފާދެއްވި ކަމަށް ވިދާޅުވިއެވެ.
އަހަރެން އީއާރުން ޑިސްޗާޖް ކުރީ ތިނެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. އެސްޓީއޯ ބޭސް ފިހާރައިން ބޭސް ނަގައިގެން އަހަރެން ގެއަށް އައިސް އަވަަހަށް ނިދާލީއެވެ.
ކުއްލި އަކަށް އަހަރެންނަށް ހޭލެވުނީ ފޯނެއް އަންނާތީއެވެ. ގަޑި ބަލާލިއިރު ހެދުނު 10 ޖަހަނީއެވެ. ފޯނު ނެގިއިރު ހުުޅުމާލެ ހޮސްޕިޓަލުންނެވެ. އެ ގުޅާލީ ހަމަ ހާލު ބަލާލަން ވެގެންނެވެ. ކޮން ފަދަ ހެޔޮ ޚިދުމަތެއް ހެއްޔެވެ. ބަލި މީހެއްގެ ހައިސިއްޔަތުން އަހަރެންނަށް މިކުރެވުނު ތަޖުރިބާގެ މަތީގައި ގައުމުގެ ސިއްހީ ޚިދުމަތް ތަރައްގީ ކުރަމުން ގެންގޮސް ތަރުތީބު ކޮށްލައްވައިފިނަމަ ދިވެހިންނަށް އޮތީ މާ އުފާވެރި މާދަމާއެކެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.