ENGLISH
22 އޭޕްރީލު 2025
ހަތަރު ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
19 ޖެނުއަރީ 2025
|
މަގާމުތަކަށް ބަދަލު ގެންނެވި ވަޒީރުންނާއި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ވަޒީރުންގެ މަޖިލީހަށް މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކުގެ ދަށުން އާ މަގާމުތަކަށް އައްޔަނުކުރެއްވި ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ވަޒީރުންނަށް ރުހުން ހޯއްދެވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވެވީ ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ރުހުން ހޯދުމަށް ފޮނުއްވި ވަޒީރުންނަކީ:
1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ. ބުރުނި، ނިވައިދޮށުގޭ މޫސާ ޒަމީރު
2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް، މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް، މއ. މާރާދަގެ، ޑޮކްޓަރ މަރްޔަމް މާރިޔާ
4. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް، ގދ. ފިޔޯރީ، ގުލްބަކާގެ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު
އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރެއްވީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބަދަލުތައް ގެންނެވުމާއެކު، ކުރިން ބޯހިޔާވަހިކަމާއި ޕްލޭނިންގެ މެންޑޭޓު އޮތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ވަނީ އުވާލައްވައިފައެވެ. ޕްލޭނިންގެ މެންޑޭޓު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާއިރު ބޯހިޔާވަހިކަމުގެ މެންޑޭޓު މިހާރު އޮންނަނީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށެވެ.