ENGLISH
05 ޖުލައި 2025
އޮޕަރޭޝަން ކުރަނގި: މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި
19 ޖެނުއަރީ 2025
|
އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން (ފޮޓޯ/ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ)
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ އަހަރު ފެށި "އޮޕަރޭޝަން "ކުރަނގި" ގެ ދަށުން މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ފެށި މި އޮޕަރޭޝަންގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ އެކު އިމިގްރޭޝަން އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ހަރަކާތްތެރިވެ އެވެ. އޮޕަރޭޝަން ކުރަނގި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި އޮޕަރޭޝަންގެ ދަށުން އިއްޔެ ވެސް ބޮޑު ހަރަކާތެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔައިރު، މި ހަރަކާތުގައި އަމާޒުކުރީ ޕްރައިވެޓް ސެކްޓާ އަދި އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީންނަށެވެ. އެ ހަރަކާތުގެ އެންމެ ފަހުގެ އަދާހަމަ ދެއްވަމުން މިނިސްޓަރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެކަނި ކުރެވުނު މަސައްކަތުން ވެސް 1455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން އަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާ ބޭސް އަޕްޑޭޓް ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ނޮވެމްބަރު 17ގެ ނިޔަލަށް އެ އޮޕަރޭޝަންގެ ދަށުން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގި އިރު، އޭގެ ފަހުން އައި ޑިސެމްބަރު އަދި ޖެނުއަރީ މަހުގެ ތެރޭގައި އިތުރު 15،000 މީހުންގެ މައުލޫމާތު އެއްކުރެވުނު ކަމަށެވެ. މިއަދާ ހަމަޔަށް އައިރު، އެ އޮޕަރޭޝަންގެ ދަށުން ޖުމްލަ 25،483 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް، މަރުހަލާތަކަކަށް ބަހާލައިގެން، ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވެ އެވެ.
އެ މަރުހަލާއަށް ފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެ އެވެ.