ENGLISH
05 ޖުލައި 2025
ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަންޖެހޭ ގޮތް ހަދަނީ
19 ޖެނުއަރީ 2025
|
ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތަށް ހަދައި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ގުޅޭ ގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އދ. އަތޮޅުގައި އޮންނަ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަކީ ޓޫރިސްޓުންގެ މެދުގައި އެންމެ "ހޮޓް ސްޕޮޓް" ކަމަށެވެ. އަދި އެއީ ފެހުރިހި ބެލުމަށްޓަކައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ޓޫރިސްޓުންނެއް ޒިޔާރާތްކުރާ ސަރަހައްދެކެވެ.
ނަމަވެސް، "ސަމްޕާ" މެނޭޖްކުރުމަށް އެކި ސަރުކާރުން މަސަތްކަތްކުރި ނަމަވެސް އެތަން ރަނގަޅަށް މެނޭޖް ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ސަރަހައްދަށް އެއްފަހަރާ ސަތޭކައެއްހާ ޓޫރިސްޓުން ފަައިބައި ފެހުރި ބަލަން އުޅެ އެވެ. އެކަމަކު، އެ މީހުންނަށް އަޅާލާނެ ބަޔަކު ގިނަ ފަހަރަށް ކައިރީގައި ނުތިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެއްވެސް އުސޫލެއް ނެތި އެކަން ކުރަމުން ގެންދާއިރު ގެސްޓުން ފީނަމުން ދަނިކޮށް އެ ސަރަހައްދަށް ލޯންޗުތަކާއި ސަފާރީތައް ވަދެ ހަދަ އެވެ.
އަދި ކަނޑުގެ އުޅަނދުތަކުގެ ބުފަރަތީގައި ޖެހުމުގެ ހާދިސާތަކުގައި މި ފަހުން ދެ ޓޫރިސްޓަކު މަރުވިއިރު، ފެހުރިހީގެ ގައިގައި ބުރަފަތިން ޖެހި ކޮށާލައި އެކި ޒަޚަމްތައް ލިބިފައި ހުންނަ މަންޒަރު ވެސް ފެންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެހެންކަމުން ސަމްޕާ ސަރަހައްދުގެ އިތުރުން، ފެހުރިހި އުޅޭ އެހެން ސަރަޙައްދުތަކަށް ވެސް އެތަކެތި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވައިގެން ވަންނަ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެކަމަށް އަމަލުކުރަން ފަށާނެ ކަމަށާއި، ފެހުރިހި ބެލުމަށް ފަތުރުވެރިން ގޮވައިގެން ގޮސް އުޅޭ ގޮޮތް ބެލުމަށްޓަކައި މޮނިޓަރ ކުރުމަށް ޚާއްސަ ލޯންޗެއް ވެސް ހަމަޖައްސާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕްރޮޕެލާ ގާޑުގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރެވިދާނެ އެވެ. ޕްރޮޕެލާ ގާޑަކީ ޕްލާސްޓިކް އަދި ސްޓެއިންލެސް ސްޓީލް ފަދަ މެޓީރިއަލްތަކުން އުފައްދާ، ބުރަފަތި ވަށައިގެން އަޅުވާ ގާޑެކެވެ.
ޕްރޮޕެލާ ގާޑު ބޭނުންކުރަނީ ދެ ބޭނުމަކަށް:
ޕްރޮޕެލަރެއް ހިލަގަނޑެއްގައި ނުވަތަ އެހެން ހަރު އެއްޗެއްގައި ޖެހިއްޖެ ހާލަތެއްގައި ބުރަފައްޗާއި ގިއާ ބޮކްސް އަށް ގެއްލުމެއް ނުލިބި ރައްކާތެރިކުރުމެވެ. އަނެއް ކަމަކީ ބުރަފަތިން ޖެހިގެން ދިމާވާ ހާދިސާތަކުން މީހުން ރައްކާތެރި ކުރުމެވެ.
ވަޒީރު ވިދާޅުވީ އެ ޤަވާޢިދުގެ ދަށުން ޓޫރިސްޓުން ގޮވައިގެން ފެހުރިހި ބަލަންދާ އުޅަނދުތައް ވެސް ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ. ދޯނީގައި ތިބޭ މީހުންނަކީ ވެސް ތަމްރީނު ވެފައިވާ ބަޔަކަށް ވާން ޖެހެ އެވެ. އެ ސަރަހައްދުގައި ލޯންޗު ދުއްވޭނެ ސްޕީޑުތައް ވެސް ގަވައިދުގައި ހިމެނޭނެ އެވެ. އަދި ކޮންމެ ގައިޑަކާ އެކު، ފެހުރިހި ބަލަން އެއްފަހަރާ ދެވޭނީ ފަސް ޓޫރިސްޓުންނަށް ކަމަށް ޤަވާޢިދުގައި ވަނީ ހިމަނައިފަ އެވެ.
އެ ޤަވާޢިދަށް ޢަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަޒީރު ދެއްވި އެވެ. އެކަމާ ގުޅޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ވަޒީރު ޠާރިޤު ވިދާޅުވި އެވެ.