ENGLISH

21 އޭޕްރީލު 2025

Advertisement

ރިސޯޓުތަކަށް އޮކްޓޫބަރު މަހު ލިބުނު އާމްދަނީން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ބޭންކުތަކަށް މިމަހު މާރުކުރާނެ: އެމްއެމްއޭ

18 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ބޭންކު އޮފް މޯލްޑިވްސްގެ މެއިން ބްރާންޗް.

މިދިޔަ އޮކްޓޫބަރ މަހު ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބުނު އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު  ބޭންކުތަކަށް މި މަހު މާރުކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ. 

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން، ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުވާ ގޮތަށް އެމްއެމްއޭ އިން އެކުލަވާލި ޤަވާއިދަށް ޢަމަލުކުރަން ފެށީ މިދިޔަ މިދިޔަ އޮކްޓޯބަރ ފުރަތަމަ ދުވަހުއެވެ.

މަރުކަޒީ ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގައި ހިންގާ 175 ރިސޯޓުގެ ތެރެއިން 138 ރިސޯޓު ޤަވާއިދުގެ ދަށުން މިހާތަނަށް ރަޖިސްޓްރީކޮށްފައިވާއިރު، އެ ރިސޯޓުތަކުގެ ސޭލްސް ރިޕޯޓުތަކަށް ބަލާއިރު، ގާތްގަނކަށް 40 މިލިއަން ޑޮލަރު ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރާނެ ކަމަށެވެ. މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް ޑޮލަރު މާރުކުރަން ލާއިޒުކޮށްފައިވާއިރު، މިހާތަނަށް ފައިސާ މާރުނުކުރަނީ 37 ރިސޯޓަކުންނެވެ. 

ބޭރު ފައިސާއާ ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެެރިއަކަށް 25 ޑޮލަރުގެ މަގުން، ބޭންކަށް ޑޮލަރު މާރުކުރަން ޤަވާއިދު ލާޒިމުކުރެއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރ މަހު ރާއްޖެއަށް 172،621 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 70 އިންސައްތަ ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. 

ޓޫރިޒަމް ދާއިރާ އާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ފަރާތްތަކުން ވެސް ބޭންކުތަކަށް ވަކި މިންވަރެއް މާރުކުރަން ޖެހޭ ގޮތަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އަމަލުކުރަން ފެށީ މި އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ރިސޯޓްތަކާއި ގެސްޓުހައުސްތަކުގައި މިދިޔަ އަހަރުގެ ފަހު ތިންމަސް ދުވަހު ޗުއްޓީ ހޭދަކުރި ކޮންމެ ފަތުރުވެެރިއެއްގެ ބޮލަށް ވަކި މިންވަރެއް މާރުކުރަން ޖެހެނީ ފުރަތަމަ އަމަލުކުރަން ފެށި ޤަވާއިދުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު