ENGLISH
19 އޭޕްރީލު 2025
ކްވަރަޝްކޭލިއާ، ޕީއެސްޖީ އަށް ސޮއިކޮށްފި
18 ޖެނުއަރީ 2025
|
ކްވަރަޝްކޭލިއާ، ޕީއެސްޖީ އަށް ސޮއިކުރުމަށްފަހު އެ ކުލަބުގެ ޖާޒީ ދައްކާލަނީ. --ފޮޓޯ: ޕީއެސްޖީ
ނަޕޯލީ އަށް ކުޅެމުން އައި ކްވިޗާ ކްވަރަޝްކޭލިއާ، ފްރާންސްގެ ޕީއެސްޖީ އަށް ސޮއިކޮށްފިއެވެ.
އުމުރުން 23 އަހަރުގެ ކްވަރަޝްކޭލިއާ ވަނީ ޕީއެސްޖީއާ އެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޖޯޖިއާގެ އިތުރުން ނަޕޯލީ ޓީމުގެ ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ކްވަރަޝްކޭލިއާ ގަތުމަށް ޕީއެސްޖީން ބޯނަހާ ނުލައި، ގާތްގަނޑަކަށް 70 މިލިއަން ޔޫރޯ (71.93 މިލިއަން އެމެރިކާ ޑޮލަރު) ދޭން އެއްބަސްވެފައިވާ ކަމަށް މީޑިއާ ޚަބަރުތައް ބުނެއެވެ. އެކަމަކު، މިހާތަނަށްއައިއިރު މި ދެ ކުލަބުން ވެސް ކްވަރަޝްކޭލިއާގެ ޑީލާ ގުޅޭ މާލީ އެއްވެސް ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
"ކްވިޗާ ކްވަރަޝްކޭލިއާ ސޮއިކޮށްފައިވާކަން ޕީއެސްޖީން ވަރަށް އުފަލާއެކު އިޢުލާންކުރަން،" ޕީއެސްޖީން ނެރުނު ބަޔާނެއްގައިވެއެވެ.
ޕީއެސްޖީގައި ކްވަރަޝްކޭލިއާ ބޭނުންކުރާނީ ހަތް ނަންބަރު ޖާޒީ ކަމަށާއި، އޭނާ އަކީ އެ ކުލަބުގެ ތާރީޚުގައި ސޮއިކުރި ޖޯޖިއާގެ ފުރަތަމަ ކުޅުންތެރިޔާ ކަމަށްވެސް ޕީއެސްޖީގެ ބަޔާނުގައިވެއެވެ.
ކްވަރަޝްކޭލިއާ، ޕީއެސްޖީ އާއެކު ހަދާފައިވާ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް. --ފޮޓޯ: ޕީއެސްޖީ
ކްވަރަޝްކޭލިއާ، ޕީއެސްޖީ އަށް ބަދަލުވުމާ ގުޅިގެން އެ ކުލަބުގެ ރައީސް، ނާޞިރު އަލް-ހައްލާފީ ވަނީ، ކްވިޗާ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެތެރެއިން އެއް ކުޅުންތެރިޔާ ކަމަށާއި، އެއީ ހުނަރުން ފުރިފައިވާ ޓީމަށްޓަކައި ހިތްވަރާއެކު ގަދައަޅާ މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށް ބުނެފައެވެ.
އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ޖޯޖިއާއާ އެކު މޮޅު ކުޅުމެއްދެއްކި ކްވަރަޝްކޭލިއާ ޕީއެސްޖީ އަށް ބަދަލުވީ، ނަޕޯލީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އައު ކުރުމަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ. މިއާއެކު، ނިމިދިޔަ ހަފްތާގައި ކްވަރަޝްކޭލިއާ ވަނީ އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައެވެ.
ކްވަރަޝްކޭލިއާ، ނަޕޯލީ އަށް ސޮއިކުރީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު ކްވަރަޝްކޭލިއާ ހޭދަކުރި ފުރަތަމަ ސީޒަނުގައި ވެސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށް، 33 އަހަރަށްފަހު ނަޕޯލީ އަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. އެ ސީޒަނުގައި އޭނާ ވަނީ ލީގުގައި އެ ޓީމަށް ކުޅެދިން 34 މެޗުގައި 12 ލަނޑު ޖަހައި، އިތުރު 13 ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.
މީގެއިތުރުން، މި އަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކްވަރަޝްކޭލިއާ ވަނީ ނަޕޯލީ އަށް ކުޅުނު 19 މެޗުގައި 5 ލަނޑުޖަހައި، އިތުރު ތިން ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.