ENGLISH
18 އޭޕްރީލު 2026
އންތިހާބުގެ ދެވަނަ ބުރު؛ މެންދު 12 ޖެހުމާ ހަމައަށް 38.86 އިންސައްތަ މީހުން ވޯޓުލައިފި
18 އޭޕްރީލު 2026
|
އޭޕްރީލު ހަތަރުވަނަ ދުވަހުގެ ވޯޓުނެގުމުގެ ތެރެއިން
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލު އިންތިހާބުގައި ކެނޑިޑޭޓުންގެ މެދުގައި އެއްވަރުވީ ދާއިރާތަކުގައި މިއަދު ކުރިއަށްގެންދާ އިންތިހާބގެ ދެވަނަ ބުރުގެ ވޯޓު ނެގުމުގައި މެންދުރު 12:00 އާ ހަމައަށް 28.86 އިންސައްތަ މީހުން ވޯޓުލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފަައިވާ ހިސާބުތަކަށް ބަލާއިރު 12:00 އާ ހަމައަށް ޖުމްލަ 2،368 މީހުން ވޯޓު ލިއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 1،141 އަންހެނުންނާއި 1،227 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގެ 38.86 އިންސައްތަ މީހުންނެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ތެރެެއިން މިހާތަނަށް ވޯޓުނުލަނީ 3،725 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 61.14 އިންސައްތަ މީހުންނެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 6093 މީހުންނަށެވެ. އެއީ 2،901 އަންހެނުންނާއި، 3،191 ފިރިހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،172 ވޯޓު ކަރުދާސްވަނީ ޗާޕުކޮށްފއެވެ. މިއަދު އިންތިހާބު ކުރިއަށްދާނީ ފަސް ދާއިރާއެއްގައި ފަސް މަގާމަކަށް މީހުން އިންތިހާބުކުރުމަށެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގުގެ ދާއިރާގެ ކައުންސިލު އިންތިހާބާއި، ބ.ދޮންފަނުގެ ކައުންސިލު އިންތިހާބާއި، ހއ.ކެލާ އަންހެނުންގެ ތަރައްގީއަސް މަސައްކަތްްކުރާ ކޮމިޓީއާއި ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ލ.މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.
މި ދާއިރާތަކުގައި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދަނީ ފުރަތަަމަަ ބުރުގައި އެ ދާއިރާތަކުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ. މި ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވެއެވެ.
އެގޮތުން ކެލާއާއި މާވަށާއި ފުވައްމުލަކު ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި އަދި ނޭކުރެންދޫއާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފަައިވެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 6،093 މީހުން ރަޖިސްޓްރީކޮށްފަައިވެއެވެ. އޭގެ ތެރޭގައި 1،729 މީހުން ކެލާ އިންތިހާބުގައި އަދި ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުން އަދި ދޮންފަނު އިންތިހާބުގައި 441 މީހުންނާއި، މާވަށު އިންތިހާބުގައި 1،556 މީހުންނާއި ފުވައްމުލަކު ސިޓީގެ ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި ދާއިރާތަކުގެ އިންތިހާބަށް މާލޭގައި ޖުމްލަ ހަ ވޯޓު ފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަަނުންވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ކެލާއާއި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކުރި ފޮށި ހުންނާނީ ތާޖުއްދީން ސްކޫލުގައެވެ. އަދި ނޭކުރެންދޫއާއި މާވަށުގެ ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލުގައެވެ. ފުވައްމުލަކު ދަޑިމަަގު އަވަށުގެ ވޯޓުފޮށި ހުންނާނީ ދަރުމަވަންތަ ސްކޫލުގައެވެ.