ENGLISH
11 ޖޫން 2026
އާރްޓީއެލްގެ ހިދުމަތް؛ 1.6 މިލިއަން ފަހަރު މީހުން ހިދުމަތް ހޯދައިފި
11 ޖޫން 2026
|
އާރްޓީއެލް ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗެއް
އެންމެ މަޤްބޫލު
ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ގުޅައިލުމަށް ހިންގަމުންދާ އާރްޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ފަށާފައިވާ ސަރަހައްދުތަކުގައި ޖުމްލަ 1.6 މިލިއަން ފަހަރު މީހުން ހިދުމަތް ހޯދާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ އެކި މުއައްސަސާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމަށް ކުރިއަށްގެންދާ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވުޒާރާގެ ނައިބުވަޒީރު އިބްރާހީމް ޔާސިރު ވިދާޅުވީ އެ ނިޒާމުގެ ތެރެއިން ދަތުރުފަތުރުގެ ހިދުމަތް ހޯދަމުންދާ މިންވަރުގެ ތަފާސްހިސާބުތައް ބަލަހައްޓަމުންދާ ކަމަށެވެ.
އެގޮތުން ފާއިތުވި ހަތަރު ވަރަމަށް އަހަރުތެރޭ 1.6 މިލިއަން މީހުން އެ ހިދުމަތް ހޯދާފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ. 1.6 މިލިއަން މީހުންގެ ތެރޭގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ހިދުމަތް ހޯދި މީހުން ތަކުރާރުވެފައި ހުންނާނެތީ އެއީ 1.6 މިލިއަން ފަހަރު ހިދުމަތް ހޯދުމެވެ.
ޔާސިރު މައުލޫމާތު ދެއްވި ގޮތުގައި އެންމެ ގިނައިން ދަތުރުކޮށްފައިވަނީ ޒޯނު އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅުގެ ރަށްތަކުގެ މެދުގައެވެ. އެ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ފެރީ ނިޒާމުގެ ތެރެއިން އެވެރެޖުކޮށް 1،000 މީހުން ކޮންމެ ދުވަހަކު ދަތުރުކުރާކަމަށް ވިދާޅުވިއެވެ. ޔާސިރު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅަށް އާރްޓީއެލް ހިދުމަތް ދެވޭ ޒޯނަކީވެސް އެއީއެވެ.
އާރްޓީއެލް ހިދުމަތް ދިނުމަށް ބޭނުންކުރަނީ ޒަމާނީ ހަލުއި ލޯންޗުފަހަރެވެ. އަދި ހިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީންނެވެ. އެ ހިދުމަތް ފެށީ ތިން އަތޮޅެއްގައެވެ. ނަމަވެސް މިހާރު 15 އަތޮޅަކުން އެ ހިދުމަތް އަންނަނީ ލިބެމުންނެވެ. ބާކީ އޮތް ފަސް އަތޮޅުގައި އާރްޓީއެލް ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ތައާރަފުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިހާރު ހިދުމަތް ނުދޭ އަތޮޅުތަކުގެ ތެރެއިން މ.އަތޮޅުގައި ހިނގަމުންދާ ޖޫން މަސް ނިމުމުގެ ކުރިން ހިދުމަތް ފެށިގެންދާނެކަމަށް ނައިބުވަޒީރު ވިދާޅުވިއެވެ. އެއިރުން ހިދުމަތް ނުފެށި އޮންނާނީ ކ، އއ، އދ އަދި ވ.އަތޮޅެވެ. އޭނާ ވިދާޅުވީ ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ރައސް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ ހިދުމަތް ތައާރަފުކުރަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.