ENGLISH
18 އޭޕްރީލު 2026
މަސްވެރިކަން ނުހުއްޓޭ، މިދަތި ހާލަތުގައިވެސް ސަރުކާރުންދަނީ މަސްވެރިންނަށް އެހީވަމުން: ޝިޔާމު
18 އޭޕްރީލު 2026
|
ވަޒީރު ޝިޔާމް މަސްވެރިންތަކަކާ އެކު.
އެންމެ މަޤްބޫލު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުން ދަތިވެ ދިވެހި މަސްްވެރިކަން ހުއްޓިފައިވާކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދޮގުކުރައްވައިފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގަައި ތެލުގެ އަގަށް އައި ބޮޑު ބަދަލުތަކާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިޔަފާރިތަކަަށް ތެޔޮ ވިއްކާ އަގަށް ބަދަލުގެނައުމަށް ނިންމުމާ ގުޅިގެން މިފްކޯއިން މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ތެޔޮ ވިއްކަމުން އައި އަގަށް ބަދަލުތަކެއް ގެނަސްފައި ވެއެވެ.
ނަމަވެސް އެސްޓީއޯއިން އެ ކުންފުނީގެ ނިންމުން ބަދަލުކޮށް، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ފަހި ހަކަތަ" ޕްރޮގުރާމުގެ ދަށުން ސަބްސިޑީ ދީފައިވާ އަގުތަކެއްގެ ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތް ގޮތަށް ދެމެހެއްޓުމަށް ކުންފުނިން ނިންމި އެވެ.
މިފްކޯއިން މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަަލް ލީޓަރެއް އަދި ތިން ޓަނަށްވުރެ އިތުރަށް ކިރުވާނަމަ 16.04 ރުފިޔާއަށް ޑީސަލް ލީޓަރު ދޫކުރާނެކަމަށާއި، އަދި މިފްކޯއިން ޑީސަލް ގަންނަ އާއްމު ފަރާތްތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް 17.54 ރުފިޔާގެ މަގުން ވިއްކަމުންދާނެ ކަމުގައި އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެ، ތެޔޮ ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ހުއްޓިފައިވާކަމަށް ބުނެ މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން ވަޒީރު ވަނީ އެ ހަބަރަކީ ދޮގު ހަބަރެއްކަމަށް ވިދާޅުވެފަ އެވެ.
"މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން. އަދި އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަނޭ،." ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު މުޅި ރާއްޖެއަށް ވެސް އެންވެރިކަން މިހާރު ރަނގަޅުވާންފެށުމާއި އެކު މަސްވެެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ރަނގަޅުވަމުން ކަމަށެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މިހާލަތުގައި މަސްވެރިންގެ ކަންކަން ގާތުން ބަލައި، މަސްވެރިންނަށް އެންމެ ރަނގަޅުގޮތްތަކަށް ސަރުކާރުން މަސައްކަތް ކޮށްދެމުންދާކަމަށެވެ. އަދި މަސްވެެރި ސިނާއަތުގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ވެސް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުންކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވަނީ ނޫސްތަކުން މައުލޫމާތު ފަތުރާއިރު ކަންއޮތްގޮތް ރަނގަޅަށް ބެލުމަށްފަހު އެ މައުލޫމާތެއް ފެތުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.