ENGLISH
18 އޭޕްރީލު 2026
ކުރިއަށް އޮތް ދެ އަހަރު ތެރޭ ތަރައްގީގެ މަޝްރޫއުތައް ނިމި، އާއްމު ހާލަތަށް ހެޔޮ ބަދަލުތައް އަންނާނެ: ތަރުޖަމާން
18 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ހިނގަމުންދާ ސަރުކާރުގެ ދައުރުން ބާކީ އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި މިހާރު ފެށިފައި ހުރި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ނިންމައި، ރައްޔިތުންގެ އާއްމު ހާލަތެއް ހެޔޮ ރަނގަޅު ބަދަލުތަކެއް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ދެއްވައިފިއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުންދު ވިދާޅުވީ ވެރިކަމުގައި ބާކީ އޮތް ދެ އަހަަރާއި ބައިގެ މުއްދަތުގެ ތެރޭގައި ރައްޔިތުން ހިތްހަމަޖެހޭ ފަދަ ބަދަލުތަކެއް ސަރުކާރުން ގެންނާނެ ކަމށެވެ. އަދި ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގައި އެ ހެޔޮ ބަދަލުތައް އިހުސާސްކުރެވޭނެ ކަމުގައިވެސް މުންދު ވިދާޅުވިއެވެ.
ތަރުޖަމާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ހިންގުމުގައި ގެންނަންޖެހޭ މުހިއްމު ބަދަލުތައް ސަރުކާރުން ގެންނަމުންދާ ކަމެވެ. އަދި ސަރުކާރުން ވިސްނުމަކީ މިހާރަށްވުރެ ހިންގުން ހަލުއިކޮށް ދުވެލި އަވަސްކޮށް ނަތީޖާ ނެރުން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން މިހާރު ސަރުކާރުން ރަށްރަށުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކޮށް، އެ މަޝްރޫއުތައް އަވަހަށް ނިމިގެންދާތަން ރައްޔިތުން ދެކޭނެ ކަމުގައިވެސް މުންދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ ހަލުވި ވެސް ވާނެ. ތިބޭފުޅުންގެ ލޮލުން ފެންނަ ތާނގައި އިރާދަކުރެއްވިއްޔާ ތަރައްގީގެ މަސައްކަތްތައް އިތުރަށް ކާމިޔާބުކަމާއެކު ނިމެމުން ވެސް ދާނެ،" ތަރުޖަމާނު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވެފައިވަނީ ރައްޔިތުންގެ އާއްމު ހާލަތަށްްވެސް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެއީ ރައްޔިތުންގެ އާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ހަރަދު ކުޑަކުރުމާއި، ފަރުދީ ތަނަވަސްކަމާއި، ބިލުތައް ދެއްކުމަށް ކުރަންޖެހޭ ހޭދަ ފަދަ ކަންކަމަށް އަަންނާނެ ހެޔޮ ބަދަލުތަކެއްގެ ގޮތުގައި އެ ބަދަލުތައް ތަރުޖަމާނު ސިފަކުރެއްވިއެވެ.
"ޖުމްލަ ގޮތެއްގައި އާންމު ހާލަތު، ކިޔަމާ، އެއީ އަޅުގަނޑުމެންގެ ތަނަވަސްކަން ވިޔަސް ނުވަތަ ތަކެތީގެ ހަރަދު ކަމަށް ވިޔަސް ނުވަތަ ކޮންމެ ދިވެއްސަކު ދައްކަންޖެހޭ ބިލުތައް ވިޔަސް މިހުރި ކަންތައްތަކުގައި ހަމަ ލުއިތަކެއް އަންނާނެ،" މުންދު ވިދާޅުވިއެވެ.
ސަރުކާރުުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ޖާގަ ދެއްވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ ދިހަ މެންބަރަކު އިސްތިއުފާދެއްވާފައިވެއެވެ. އެއަށްފަހު ރައީސްވަނީ ސަރުކާރގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެންނެވުމާއެކު، ބައެއް ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާ އަލުން އެކަށައަޅުއްވާފައެވެ.
އޭގެ އިތުރަށް ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަސައްކަތްކުރާ ގޮތް ވަޒަންކުރުމަށްފަހު، ސަރުކާރުގެ މަސައްކަތް ރަނގަޅު މިސްރާބަށް ގެންދިއުމަށްޓަކައި ގެންނަވަންޖެހޭ ބަދަލުތައް ގެންނަވަން ރައީސް ނިންމަވާފަައިވެއެވެ. އެ ނިންމެވުމާ އެެއްގޮތަށް ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކުރުމުގެ މަސައްކަތްތައް މިހާރު ވުޒާރާތަކުންދަނީ ކުރަމުންނެވެ.