ENGLISH
21 އޭޕްރީލު 2025
ސައިކަލެއް ވަގަށް ނެގި ބަޔަކު އަތުލައިގަތީ ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް
18 ޖެނުއަރީ 2025
|
ކްރިމިނަލް ކޯޓު (ފޮޓޯ/މިހާރު)
ސައިކަލެއް ވަގަށް ނެގި ބަޔަކު ފުލުހުން އަތުލައިގަނެފި އެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ވަގަށް ނެގި ސައިކަލުގައި ވަންވޭއެއްގެ އިދިކޮޅަށް ދުއްވަމުންދަނިކޮށެވެ.
ވައްކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގެ އެވެ. އެއީ 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.
ތިރީސް އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ސައިކަލު ދުއްވަމުންދަނިކޮށެވެ. ކޯޓުގައި ފުލުހުން ވިދާޅުވީ ވަންވޭއާ އިދިކޮޅަށް ސައިކަލު ދުއްވާފައިދަނިކޮށް އޭނާ ގާތު މަޑުކުރުމަށް ބުނުމުން މަޑުކޮށްފައިނުވާ ކަމަށެވެ. އަދި އޭނާ ހިފެހެއްޓީ ފިލަން ދުއްވަނިކޮށް ކަމަށެވެ. އެއީ ބަންދު ރެކޯޑު ގިނަ ފަރާތެއްކަން ކޯޓު އަމުރުން އެނގެ އެވެ. އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކުރައްވާފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި 32 އަހަރުގެ މީހާ އިނީ ސައިކަލުގެ ފަހަތުގަ އެވެ. އޭނާ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކުރައްވާފަ އެވެ.