ENGLISH

21 އޭޕްރީލު 2025

Advertisement

ތެޔޮ ލީކުވުމުގެ ކުއްލި ހާލަތުގައި ޢަމަލުކުރާނެ ގޮތުގެ ތަމްރީން ނިންމާލައިފި

18 ޖެނުއަރީ 2025

|

ޢަލީ ޝާހީން

އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ތެޔޮ ލީކުވުމުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ މުހިންމު ތަމްރީން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެކަމަށް ޓަކައި މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއެވެ.

ޖެނުވަރީ 5 އިން 16 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ، އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ތިން މުވައްޒަފުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީން ދެ މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން، އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ޤާބިލުކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭ މި ޕްރޮގްރާމަކީ އިނގިރޭސި ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއަރޒް، އަދި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އީޕީއޭގެ ޑައިރެކްޓަރ ޖެނެރަލް، އިބްރާހީމް ނަޢީމްއާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމްގެ އިތުރުން ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޕްރޮގްރާމުގައި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1، 2، 3 އާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި، އޭރިއަލް ސަރވައިލަންސް އާއި، ޝޯރލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ވަނީ ކިޔަވައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު