ENGLISH

21 އޭޕްރީލު 2025

Advertisement

ކޮމިއުނިޓީ ރިހެބިލިޓޭޝަންގެ ދަށުން ޑިޓޮކްސް ސެންޓަރުތައް ހިންގަން ނިންމައިފި

18 ޖެނުއަރީ 2025

|

އާމިނަތު މައިހާ

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން / ފޮޓޯ: ޕީއެސްއެމް ނިއުސް

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަންފީޒުކުރާނީ މިހާރު ހުރި ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގައި ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ، މި ނިންމުމަކީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ނިންމުމެއް ކަމަށެވެ. 

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެލްތު މިނިސްޓްރީން ކޮމިއުނިޓީ ރީހެބިލިޓޭޝަން ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ހިންގުމަށް ހުއްދަ ދީފައިވާއިރު، ވަރަށް އަވަހަށް މިކަން ތަންފީޒު ކުރަން ފަށާނެ ކަމަށް ބެލެވެއެވެ. މި ނިންމުމާއެކު ބުޕްރެނޯފިން ބޭސްޑް ޓްރީޓްމަންޓް ޕްރޮޓޮކޯލްތައް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު ހުރި ސެންޓަރުތަކުން މެތަޑޯން ޓްރީޓްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓޭޓް މިނިސްޓަރު ލުބްނާ ވިދާޅުވީ މި ޓްރީޓްމަންޓް މޮޑެލްގައި ކޮމްޕްރެހެންސިވް އެސެސްމަންޓް ޕްރޮސެސްއެއް ހިމެނިގެން ވޮލަންޓަރީކޮށް ކުރިއަށްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާ ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ މުހިންމު ވަޢުދު ފުއްދަވައި، އިޖްތިމާޢީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. 

ސްޓޭޓް މިނިސްޓަރު ލުބްނާ ވަނީ އާ ފަރުވާ ޕްރޮގްރާމާ އެކު ސައިކޯ ސޯޝަލް ސަޕޯޓް ސިސްޓަމްތައް ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ރިކަވަރީ ސަޕޯޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން  މުވައްޒަފުން ތަމްރީނުކޮށް، ޖަމްޢިއްޔާ، ޖަމާޢަތްތަކާއެކު ޕާޓްނަރޝިޕް ހޯއްދަވަމުން ގެންދަވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި މި ޕްރޮގްރާމުގައި ބައިވެރިވާ އެންޖީއޯތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ފުޅާކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މިހާރު ހުރި ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގެ ކެޕޭސިޓީގެ ދަތިކަން ކުރިމަތިވެ، ފަރުވާއަށް މަޑުކުރަންޖެހޭ މުއްދަތު ދިގުލައިގެން ދިއުމާ ގުޅިގެންނެވެ. ސަރުކާރުން މިހާރު ދަނީ އޮޕަރޭޝަނަލް އެފިޝިއެންސީ ރަނގަޅުކޮށް، ފަރުވާ އަވަސްކުރުމަށްޓަކައި މި ތަންތަން ރީސްޓްރަކްޗާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު