ENGLISH
21 އޭޕްރީލު 2025
ކުޅިވަރު ކުޅުނީ ނަމާދުކުރާ ތަނެއްގައެއް ނޫން، އެއީ އިޖްތިމާޢީ ކަންކަމަށް ބޭނުންކުރާ ތަނެއް: ވިލުފުށީ ކައުންސިލް
18 ޖެނުއަރީ 2025
|
ކުޅިވަރު ކުޅުނީ ނަމާދު ކުރާ ތަނެއްގައި ނޫން ކަމަށާއި އެއީ ދީނީ އަދި އިޖްތިމާއީ އެކިއެކި ކަންކަމަށް ބޭނުންކުރަމުންދާ ތަނެއް ކަމަށް ތ. ވިލުފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ވިލުފުށި ކައުންސިލުން ވިދާޅުވީ، އެ ރަށު މިސްކިތެއްގައި އަންހެނުންތަކަކާއި ފިރިހެނުން މަސްހުނިވެގެން ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުކުރަމުން އަންނަނީ ސަރުކާރާއި ކައުންސިލް އަދި ވިލުފުށި ސްކޫލް ބަދުނާމުވާ ގޮތަށް ހަޤީޤަތް ގަސްތުގައި އޮޅުވާލައިގެން ކަމަށެވެ.
އެ ކައުންސިލުން ވިދާޅުވީ، އެ ވީޑިއޯއަކީ 2024 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަމުން ގެންދިޔަ ހަފްލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ އެކްޓިވިޓީގެ ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯ ދައުރުކުރަމުން ދަނީ މިއުޒިކް އަޅައިގެން އެޑިޓްކޮށްގެން ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށާއި ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް އެ ވީޑިއޯ ފަތުރަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ކައުންސިލުން އެހެން ވިދާޅުވެފައި ވަނީ، މިސްކިތެއް ހެން ހުރި ތަނެއްގައި ބަޔަކު ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވެ، އެ މައްސަލަ ބަލަން ފަށާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައި ވަނިކޮށެވެ.
ވިލުފުށީ ކައުންސިލުން ވިދާޅުވި ގޮތުގައި، އެރަށު ނަލަހިޔާ އިސްލާމީ މަރުކަޒުގައި ހުންނަ 'ނަލަ މާލަމަކީ' ދީނީ އަދި އިޖްތިމާޢީ އެކި ބޭނުންތަކަށް މިހާރު ބޭނުންކުރާ ތަނެއް ކަމަށާއި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ބާއްވާ އެކި މުބާރާތްތަކާއި ހަރަކާތްތަކަށް ކުރިން ވެސް އެ ތަން ބޭނުންކޮށްފައިވާ ކަމަށެވެ.
އަދި އެތަން ސެމިނަރ ހޯލަކަށް ބަދަލު ކުރުމުގެ ކުރިން ބޭނުން ކުރަމުން އައީ އަންހެނުން ނަމާދުކުރާ ބައިގެ ގޮތުގައި ކަމަށާއި، ނަމަވެސް މިހާރު އަންހެނުން ނަމާދު ކުރަނީ މިސްކިތުގެ މަތީބައިގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ތަނެއްގައި ކަމަށް ވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ. ނަލަ މާލަމުގައި މި ވަގުތު އަޅާފައި އޮތް ކާޕެޓަކީ މިސްކިތުގެ ނަމާދު ކުރާބައިގައި ކުރިން ބޭނުންކުރި ކާޕެޓްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވިލުފުށީ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލަކީ ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއްދީގެން ދީނީ ޢިލްމުވެރީންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަންކަން ކުރަމުން އަންނަ ކައުންސިލެއް ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް ކައުންސިލުން މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ނުކުރާނެ ކަމަށާއި އެފަދަ ކަންކަމަށް ތަރުހީބު ވެސް ނުދޭނެކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.