ENGLISH

21 އޭޕްރީލު 2025

Advertisement

އެސްޓޯނިއާ ދަތުރުން ފާހަގަވީ ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމު ފުޅާކުރުމާއި، އޭއައި ބޭނުންކުރުމުގެ ސިޔާސަތުތައް ރާއްޖެއަށް ބޭނުންވާކަން: ޖައިލަމް

17 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ޖައިލަމް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއެކު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުން ފާހަގަވީ ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމު ފުޅާކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ ސިޔާސަތުތައް ރާއްޖެއަށް ބޭނުންވާކަންކަމަށް، ޓެކްނޮލޮޖީދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ޖައިލަމް ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި، އެސްޓޯނިއާ އިން ލިބިލެއްވި ތަޖުރިބާތައް ހިއްސާކުރައްވަމުން ޖައިލަމް ވިދާޅުވީ، ޓެކްނޮލޮޖީއަށް މީހުން އިތުބާރު ނުކުރަން ދިމާވާ އެންމެ ބޮޑު ސަބަބަކީ، ޓެކްނޮލޮޖީއާ ބެހޭ އިލްމު މަދުވުން ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓޯނިއާގެ އާބާދީގެ ބޮޑު ބަޔަކީ ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު އެކަށީގެންވާ މިންވަރަށް އެނގޭ ބައެއް ކަމަށެވެ. 

"މި ދަތުރުގެ ތެރެއިން އެންމެ އަޅައިގަތް ބަސްކޮޅު އެއީ، ތައުލީމު މި ދޭންޖެހެނީ އިތުބާރު އުފެއްދުމަށޭ، އެމީހުން ބުނަކީ އަޅުގަނޑުމެންނަށް ނޭނގޭ ކަންކަމަށް އިތުބާރެއް ނުކުރާނޭ،" ޖައިލަމް ވިދާޅުވިއެވެ. "އެބޭފުޅުންގެ އިންތިޚާބުގައި 60 ޕަސެންޓް މީހުން ވޯޓުލީ އޮންލައިންކޮށް، ދިވެހި ރާއްޖޭގައި އޮންލައިން އިލެކްޝަނެއް ބާއްވަން އުޅެފިނަމަ އެންމެ ބޮޑަށް އުފެދޭނީ އިތުބާރުގެ ސުވާލު، އެ ސުވާލު އަންނަ ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ޑިޖިޓަލް ލިޓަރަސީ އެކަށީގެންވާ މިންވަރަކަށް ނެތީމާ."

ޖައިލަމް ވިދާޅުވީ އެސްޓޯނިއާ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ދިއުމުގެ ފަހަތުގައި ވަނީ، އެކަމުގެ ތައުލީމު ހުރިހާ އުމުރަކަށް ފުޅާކުރުމާއި އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދިން އެއްބާރުލުމާއި ސަރުކާރާއި އަމިއަލް ފަރާތްތައް ގުޅިގެން ވިޔަފާރީގެ ވިސްނުން ހުރި ސިކުނޑިތަކަކުން ކުރި މަސައްކަތް ކަމަށެވެ.

"ޓެކްނޮލޮޖީ އާއެކު ކުރިއަރާ ދާއިރުގައި އެންމެ މުހިންމު ކަމަކީ ޓެކްނޮލޮޖީއާ ގުޅޭ ތައުލީމު ދިނުން،" އޭނާ ވިދާޅުވިއެވެ. 

ޖައިލަމް ވިދާޅުވީ ޓެކްނޮލިޖީއާއި އޭއައި ފަދަ ވަސީލަތްތައް ރާއްޖޭގައި ބޭނުންކުރާ ގޮތާއި އެސްޓޯނިއާގައި ބޭނުންކުރާނޭ މިންވަރު ވަރަށް ތަފާތު ކަމަށެވެ. ޓެކްނޮލޮޖީއާއި އޭއައިގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި އެކަމާ ބެހޭ ސިޔާސުތައް ކަނޑައަޅަން ޖެހޭކަމަަށް އޭނާ ވިދާޅުވިއެވެ. 

"އެސްޓޯނިއާގައި ހުރި އަޅުގަނޑުމެންގެ އަތުގައި ނެތް އެއްޗަކީ އެކަމަކަށް ބޭނުންވާ ސިޔާސަތުތައް. ކޮންކަހަލަ ނިންމުމެއްތޯ އޭއައި އިން ނިންމޭނީ، ކޮން ކަހަލަ ނިންމުމަކަށްތޯ އިންސާނެއްގެ އެހީތެރިކަން ބޭނުންވަނީ،" އޭނާ ވިދާޅުވިއެވެ. "އެބޭފުޅުން އޭއައި އެބަ ބޭނުންކުރައްވާ ހުރިހާ ދާއިރާއަކުން މައުލޫމާތު ހޯދައިގެން ފޯރުކޮށްދިނުމުގައި، އެބޭފުޅުންގެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ވަޑައިގެން ޖަވާބުދޭން ޖެހިއްޖެކަމުގައިވާ ނަމަ، އޭއައި ހުންނާނެ އެހިތެރިއަކަށް، މާނައަކީ ވަކި ކަމަކަށް ސާޗުކޮށްލީމާ ސިސްޓަމުގެ ތެރެއިން އޭއައިއިން އެމައުލޫމާތެއް ނަގާފައި ފޯރުކޮށްދޭނެ."

ޓެކްނޮލޮޖީ ދާއިރާއިން ތައުލިމު ފޯރުކޮށްދެއްވުމުގައި ވެސް މަސައްކަތް ކުރައްވާ ޖައިލަމް ވިދާޅުވި، ރައީސް ޑރ. މުޢިއްޒު ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފެއްޓެވި މަސައްކަތްފުޅަކީ ވަރަށް މުހިންމު މަސައްކަތްފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓޯނިއާ އަކީ ރާއްޖެއިން މިކަމުގައި ނަމޫނާ އަކަށް ބެލުމަށް ވަރަށް ރަނގަޅު ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮަޑަށް ކުރިއަރާފައިވާ ޤައުމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު