ENGLISH
21 އޭޕްރީލު 2025
ޒުވާން ޅެންވެރިންނަށް މި އަހަރު ޚާއްސަ ހަރަކާތްތަކެއް ހިންގާނަން: ވަޒީރު އާދަމް ނަޞީރު
17 ޖެނުއަރީ 2025
|
ޅެންވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވަޒީރު އާދަމް ނަޞީރު ވާހަކަދައްކަވަނީ / ފޮޓޯ: ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ޒުވާން ޅެންވެރިންނަށް ޚާއްސަކޮށްގެން މި އަހަރު ގިނަ ޙަރަކާތްތަކެއް ހިންގާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ނަޞީރު މިފަދައިން ވިދާޅުވީ ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން ރޭ ބޭއްވެވި ޅެންވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޅެންވެރިކަން ދިރުވާ އާލާކުރުމަށްޓަކައި ދިވެހިބަހުގެ އެކަޑަމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި ޅެންވެރިކަމުގެ ޖަމިއްޔާތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ޖަލްސާގައި ވަޒީރު އިތުރަށް ވިދާޅުވީ ގައުމެއްގައި ޅެންވެރިންގެ ވަރަށް ބޮޑު ވާޖިބެއް އެބައޮތްކަމަށާއި، މާޒީގައި ދިވެހި ޅެންވެރިން ވަނީ މި ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފައިވާ ކަމަށެވެ. އަދި ޅެންވެރިންގެ ޝުއޫރުތަކުން ދަރިން ތަރުބިއްޔަތު ކުރުމާއި ޤައުމީ ލޯބި އިތުރުކުރުމާއި އަޚުލާޤު ދިރުވުމަށް ހުރިހާ ފަރާތްތަކުން ވެސް މިހާރު ވެސް އަދި ކުރިއަށް އޮތްތާނގައި މަސައްކަތް ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ޅެންވެރީންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ" އަހަންނަކީ ދިވެއްސަކީން، ދިވެހި އުޅުމުގެ ވެއްސަކީން" އެވެ.
ދިވެހި ބަހުގެ އެކަޑަމީން ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. މިއީ ދިވެހި ރާއްޖޭގެ 36 ވަނަ ޅެންވެރިންގެ ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ ކުޅަދާނަ ޝާޢިރު އިބްރާހިމް ޝިހާބުގެ ހަނދާނުގައެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ދިވެހިބަހުގެ އެކެޑެމީން ޚާއްސަކުރައްވާފައި ވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަދި ކުޅަދާނަ ޅެންވެރިޔާ ޢަބްދުﷲ ޞާދިޤަށެވެ.