ENGLISH
21 އޭޕްރީލު 2025
މުދަލަކީ ދެމިޔަލީ ކަނޑިއެއް: ޚުތުބާ
17 ޖެނުއަރީ 2025
|
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން
އިންސާނާއަށް ދުނިޔެމަތީގައި ލިބޭ މުދަލަކީ ދެ މިޔަލީ ކަނޑިއެއްކަން ފާހަގަކޮށް މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށެވެ. އިންސާނާ ހަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ހަލާލު ގޮތުގައި ބޭނުންކޮށްފިނަމަ، އަދި ހަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެއް ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
އަދި މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެ ކަމަށާއި ނޫން ނަމަ ހެޔޮ މަގުން ކަސިޔާރުވެދާނެ ކަމަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
"މުދަލުގެ ފިތުނައިން ރައްކައުތެރިވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވި. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ، ހަމަކަށަވަރުން ކޮންމެ އުންމަތަކަށްމެ ފިތުނައެއް ވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ." - ޚުތުބާ
"ބާތިލު ގޮތުގައި މުދާ ކެއުން" މި މަޢުޟޫއަށް ނަސޭހަތެރިވަމުން މިއަދުގެ ޚުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި މުދާ ހޯދުމަށާއި، މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވުމާއެކު، އެހެން މީހުންގެ މުދަލަށް އަރައިގަތުން ވަނީ ޙަރާމްކުރައްވާފައެވެ. އެގޮތުން މުދަލަށް ޚިޔާނާތްތެރިވުމާއި، މުދާ ފޭރުމާއި، ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ މި ދީން ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޚުތުބާގައި ބުނީ ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ހިމެނޭ ކަމަށެވެ. ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ މީހާގެ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް ކަމަށްވެސް ޚުތުބާގައި ބުންޏެވެ. އެފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެ ތަނުގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި އޭނާ މަޝްއޫލުވެއެއް ނޫޅޭނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
އަދި އޭނާގެ މަސައްކަތް މާތްﷲ ބައްލަވައިވޮޑިގަންނަވާކަން ދަންނަ މީހާ، އޭނާ މަސައްކަތްކުރޭތޯ ވެރިމީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތްކުރާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ޚުތުބާގައި ވަނީ، ރިޝްވަތުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ. އެގޮތުން، ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ވާކަމަށާއި، އެއީ ހައްޤު ބާތިލަށް ހަދައި، އަދި ބާތިލު ހައްޤުކަމަށް ފުރޮޅައިލާ އާލާތެއްކަން ވަނީ ފާހަގަކޮށްފައެވެ.
އަދި އެއީ ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި، ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއްކަން ފާހަގަކޮށް، ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ދުނިޔެމަތީގައި އެކަމުގެ އުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ އުޤޫބާތުން އެމީހާ ސަލާމަތް ނުވާނެކަން ކަށަވަރުވާކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ބުންޏެވެ.