ENGLISH
19 އޭޕްރީލު 2025
ޕެރޫގެ ކޯޗުގެ މަގާމުން ފޮސާޓީ ވަކިވެއްޖެ
17 ޖެނުއަރީ 2025
|
ޕެރޫގެ ކުރީގެ ކޯޗު، ފޮސާޓީ. --ފޮޓޯ: ރޮއިޓާސް
ޕެރޫގެ ކޯޗުގެ މަގާމުން ޖޯޖް ފޮސާޓީ ވަކިވެފައިވާ ކަމަށް އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
އުމުރުން 72 އަހަރުގެ ފޮސާޓީ މަގާމު ދޫކޮށްލާފައިމިވަނީ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމު ނެރެމުންއައި ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.
ޕެރޫގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ފޮސާޓީ މަގާމުން ވަކިވެފައިވަނީ ދެ ފަރާތުން އެއްބަސްވުމަކަށް އައިސްގެން ކަމަށެވެ. އަދި، ބަދަލުގައި އެ ޓީމާ ހަވާލުވާނެ ކޯޗެއް މިހާތަނަށް ހަމަޖައްސާފައިނުވާ ކަމަށް ވެސް ޕެރޫގެ ފެޑެރޭޝަނުން ބުނެއެވެ.
ޕެރޫގެ ކޯޗުގެ މަގާމާ ހަވާލުވުމުގެ ކުރީން، ފޮސާޓީ ވަނީ، އުރުގުއޭ އާއި ޤަތަރުގެ ޤައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދު ދީފައެވެ. މީގެއިތުރުން، އޭނާ ވަނީ އުރުގުއޭގެ ޕެނަރޯލް އާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، އެކުއެޑޯގެ އެލް.ޑީ ކުއިޓޯ އާއި ޤަތަރުގެ އަލް ސާދު އަދި ޕެރަގުއޭގެ ސެރޯ ޕޯޓެންޔޯ އަށް ވެސް ކޯޗުކޮށްދީފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭރުގެ ކޯޗު ހުއާން ރޭނޯސޯގެ ބަދަލުގައި އެ މަގާމާ ހަވާލުވެ، ފޮސާޓީގެ އިރުޝާދުގެ ދަށުން ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
މިއާއެކު، ޕެރޫ މި ވަގުތު އޮތީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގ ގްރޫޕުގެ އެންމެ ފުލުގައެވެ. އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕުން ދެކުނު އެމެރިކާ އަށް ލިބެނީ އޮޓޮމެޓިކް ހަ ޖާގަ އެވެ.