ENGLISH

21 އޭޕްރީލު 2025

Advertisement

މަޑީގެ ބާވަތްތަކަށް ކާންދިނުން އިތުރުވާތީ އެކަން ނުކުރަން އީޕީއޭއިން އިލްތިމާސްކުރައްވައިފި

17 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ރާއްޖޭގެ ރިސޯޓެއްގައި މަޑިއަށް ކާންދެނީ --- ފޮޓޯ: މޯލްޑިވެސް ރިސޯޓްސް

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ޤަވާޢިދާ ޚިލާފަށް ކާންދިނުން އިތުރުވާތީ އެކަން އެގޮތަށް ނުކުރުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އެއީ، އެ ތަކެއްޗަށް ގެއްލުން ލިބޭނެ ކަމެއް ކަމަށާއި، އަދި އެ ތަކެއްޗަށް ކާންދިނުމަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ޤަވާޢިދުގެ ދަށުން ކުރުން މަނާ ކަމެއް ކަމަށް އީޕީއޭ އިން ނެރުނު ނޫސްބަޔާނުގައިވެއެވެ.

ރާއްޖޭގައި އުޅޭ އެންމެހައި މަޑީގެ ބާވަތްތަކަކީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށް އީޕީއޭއިން ވިދާޅުވެފައިވެއެވެ. އަދި އެ ގަވާއިދުގެ ދަށުން ރައްކާތެރި ކުރެވިފައިވާ ދިރުންތަކަށް ގެއްލުންލިބިދޭ އެންމެހައި ކަންކަން މަނާކުރެވިފައި ވާކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީޕީއޭ އިން ވިދާޅުވީ، މަޑީގެ ބާވަތްތައް ބަލާލުމަށް އެ ތަކެއްޗާ އެކު މޫދުގައި ފީނުމަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ކަމަކަށް ވިޔަސް، އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ކަމަށެވެ.

އަދި މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންއެޅުމުން މިޔަރު ދަތް އެޅުމުންކަން އީޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވާކަމަށާއި މިފަދަ ހާދިސާތައް ގިނަވުމަކީ ފަތުރުވެރިކަމަށް ވެސް އަސަރުކުރާނޭ ކަމެއްކަމަށް އީޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އީޕީއޭއިން ވިދާޅުވީ، ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑި އާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން މަޑީގެ ބާވަތްތައް ބެލުމަށްޓަކައި ކުރިއަށްގެންދެވޭ އެންމެހައި ހަރަކާތްތަކަކީ ރާއްޖޭގައި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ހިންގޭ އަދި އިންސާނުންނަށް ރައްކާތެރި ތިމާވެއްޓާއި ރައްޓެހި ހަރަކާތްތަކަަކަށް ހެދުމަށް އެ އެޖެންސީއިން ވަނީ ގޮވާލައްވައިފައެވެ.

އެހެންކަމުން އެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާއިމެދު "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭއިން ވަނީ ހަނދާންކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު