ENGLISH

21 އޭޕްރީލު 2025

Advertisement

މި ދައުރުގެ ތެރޭ ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރެވޭނެ: ރައީސް

17 ޖެނުއަރީ 2025

|

ހަސަން އާމިރު

ކުރިއަށް އޮތް ތަނުގައި ޚާއްސަކޮށް، ކުރިއަށް އޮތް ތިން، ހަތަރު އަހަރުތެރޭ ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސާވިސް ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޑިޖިޓަލައިޒް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ތަޢުލީމާއި ސިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރެވިގެންދާ އިރު އެކަމަށް ހަމަޔަގީނުން ވެސް ދިވެހި ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އެންމެ މުހިންމު ކަމަކީ ބަދަލެއް ގެންނަ އިރު އެކަމަކަށް ކުރިމަތިވާ ގޮންޖެހުންތަކެއް ހުންނަ ކަމަށެވެ.

"ހަޤީޤަތުގައި މިއީ އޭގެ އެންމެ މުހިންމު ތަންކޮޅަކީ. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަދި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން. މިކަމުގައި ކޮންމެ ގޮތެއްގައި ވެސް ބަދަލެއް އަންނަ އިރު ނެޗުރަލީ އޮންނަ ކަމެއް ޗޭންޖަށް ރެސިސްޓެންސް އަންނާނެ. އެކަމަކު މިއީ ޕޮޒިޓިވް ޗޭންޖެއްވީމާ މިކަން ބަލައިގަތުން އެންމެ ކާމިޔާބު ކަމަކަށްވާނީ. އަޅުގަނޑުމެންގެ ޤައުމަކީ ފުލީ ޑިޖިޓަލައިޒްޑް ސާވިސަސްތަކެއް ލިބޭ މުހިންމު ހުރިހާ ޕަބްލިކް ހުރިހާ ޚިދުމަތްތަކެއް ސަރުކާރުގެ ޖުމްލަކޮށް ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ދެވޭ ޤައުމަކަށް ވެގެންދާނެ ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާ އެކު ކުރިއަށް ބާކީ އޮތް އަހަރުތަކުގެ ތެރޭގައި،" އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ދޭ ހުރިހާ ޚިދުމަތްތަކެއް 100 ޕަަސެންޓް ޑިޖިޓަލައިޒް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ރާއްޖޭގައި އެތައް އަހަރެއްވަންދެން ކަރުދާހުން ހުރި އާކައިވް ޑިޖިޓަލައިޒް ކުރެވި، ޑިޖިޓަލް ދާއިރާއިން އިގްތިޞާދު ފުޅާކުރަން ބޭނުންފުޅުވާ ކަމަށެވެ. 

ކުރިއަށް އޮތް ފަސް އަހަރު ނުވަތަ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ތަރައްޤީ ކުރަމުން ގޮސް މަދުވެގެން 15 ޕަސެންޓް ޖީޑީޕީ އަށް ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީން ކަމަށް ހެދުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ. 

އެ މަޤްޞަދު ކުރުމަށްޓަކައި ރައީސް މިވަނީ، ދުނިޔޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ރޮނގުން އެންމެ ކުރިއަރާފައިވާ އެއްގައުމު ކަމަށްވާ އެސްޓޯނިއާ އަށް ވަޑައިގެން ޑިޖިޓަލައިޒޭޝަނަށް އެ ގައުމު ކުރި ދަތުރާ ގުޅޭ މަޢުލޫމާތު ހޯއްދަވައިފައެވެ. 

"އަޅުގަނޑުމެން ކުރިއަށް ދިއުމުގައި ތިން އެމްއޯޔޫއެއްގައި ސޮއިކުރެވިގެން ދިޔަ. އޭގެ ތެރޭން އެއް އެމްއޯޔޫއަކީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ރާއްޖޭގެ ކަންކަން ބައްޓަންކުރުމުގައި އެބޭފުޅުންގެ އެހީތެރިކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ސޮއިކުރެވުނު އެމްއޯޔޫއެއް. އަނެއް އެމްއޯޔޫ އަކީ ތިމާވެއްޓާ ބެހޭ ގޮތުން، މި ގައުމަކީ ވެސް ތިމާވެއްޓަށް އަންނަ ނޭދެވޭ އަސަރުކުރާ ގައުމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރާ ބައްދަލު ކުރައްވައިފައެވެ. އަދި އެ ދާއިރާއިން އެމްއޯޔޫއެއްގައި ވަނީ ސޮއިކުރައްވައިފައެވެ. 

ރައީސް ވަނީ އެސްޓޯނިއާގެ ތަޢުލީމާ ބެހޭ ވަޒީރު އަދި ސިއްހަތާ ބެހޭ މިނިސްޓަރާ ވެސް ބައްދަލު ކުރައްވައިފައެވެ. މި ރައީސް ވިދާޅުވީ އެއީ ޑިޖިޓަލައިޒްކުރާ ކަމަށް ވަންޏާ އެންމެ މުހިންމު ކަމެއް ދޭންޖެހޭ ދެ ދާއިރާ ކަމަށެވެ.

"ވަރަށް ފުރިހަމައަށް މި ގައުމުގައި މިކަންކަން ކޮށްފައި އޮތީ. އެހެންވީމާ އެކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައީ. ޚާއްސަކޮށް ސިއްހީ ދާއިރާގައި ދުނިޔޭގައި ވެސް އެންމެ ރަނގަޅަށް ބަލިތަކުން ދިފާޢުވުމަށްޓަކައި ޕްރިވެންޓިވް ހެލްތު ކެއާގެ ދާއިރާއިން ހޯދާފައި ހުރި ކާމިޔާބީތައް. ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ވަރަށް ގިނަ ކަންކަން ހާސިލްކޮށްފައިވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެސްޓޯނިއާގެ ޖިނޯމް ސެންޓަރަށާއި ޑޭޓާބޭސް ސެންޓަރަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި އެތަންތަނުގައި މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވައި މަޢުލޫމާތު ހޯއްދަވައިފައެވެ.

އެހެންވެ އެމަނިކުފާން ވަނީ އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު އަދި ވަރަށް ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެސްޓޯނިއާ އަށް ރައީސް ވަޑައިގެންނެވީ އެ ގައުމުގެ ރައީސް އަލާރް ކަރިސްގެ ދަޢުވަތަކަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެސްޓޯނިއާ ދަތުރުފުޅުން ހާސިލްވި އެންމެ ބޮޑު ކަމަކީ، ސަރުކާރުން އިޢުލާންކޮށްފައިވާ އަދި މެނިފެސްޓޯގައި ވެސް ހިމަނާފައި އޮތް ވިޝަން، ރާއްޖެ އަކީ ޑިޖިޓަލައިޒް ގައުމަކަށް ހެދުމަށްޓަކައި، އެ ދާއިރާ އިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމަށް ވަޑައިގެން އެ ބޭފުޅުން ކަންކަން ބައްޓަންކޮށްފައިވާ ގޮތް ދަސްކޮށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތައް ބަލައި މަޝްވަރާކޮށް ކުރިއަށް ދެވޭނެ މަގުތައް ހޯއްދެވުމެވެ. ރައީސްގެ ދަތުރުފުޅުގައި އެސްޓޯނިއާގެ ކަމާބެހޭ ދާއިރާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ދަތުރުގެ ކޮންމެ ދުވަހަކު ވަރަށް ގިނަ ކަންކަން ވަރަށް ތޯޓްފުލް ޕްރޮގްރާމެއް ހައްދަވާ ދެއްވާފައި ވަނީ މި ދާއިރާ ޑިޖިޓަލައިޒޭޝަނާ ގުޅޭ ހުރިހާ ކަމެއް ވޭތުވެދިޔަ އަހަރުތަކުގައި ކިހިނެއްކަން ކާމިޔާބުކޮށްފައި ވަނީ. އަދި ދިމާވި ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރި ގޮތާއި އެހެނިހެން ދާއިރާތަކުން ވެސް ކުރިއަރައިގެން ދިޔަ ގޮތް މި ދަތުރުން ވަރަށް ރަނގަޅަށް އޮޅުންފިލައިގެން ދިޔަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާން ޤަބޫލްކުރައްވާ ގޮތުގައި ދުނިޔެ އަށް އަންނަ ތަރައްޤީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. މި ހަޤީޤަތާ ދެކޮޅަށް ކުރިއަށް ނުދެވޭނެކަމަށް އެމަނިކުފާން ވިދާޅުވިއެވެ. މި ގޮތުން އާޓިފިޝަލް އިންޓެލިޖެންސަކީ ވަރަށް މުހިންމު ދާއިރެއްކަން ފާހަގަކުރައްވައި މާސްޓަޕްލޭނެއް ހެދީ ވެސް އެބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ. އެކަމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވޭނެ. މި ދަތުރުގައި މި ޤައުމުގައި އެކަންތައް ކުރިއަށް ގެންދަނީ އަދި ރާވަމުން އަދި ރޭވިފައި އޮތީ ވެސް ކިހިނެއްކަން އޮޅުންފިލައިގެންދިޔަ. އެހެންވީމާ މި ދަތުރު ވަރަށް ކާމިޔާބު. ސަބަބަކީ މި ދާއިރާއިން އެންމެ ކުރިއަރާފައިވާ ޤައުމަަށް އާދެވުނީމާ އެމީހުން މިކަން ކުރާ ގޮތް އެނގިގެންދިޔައީމާ ކުރިއަށް އޮތް ތަނުގައި އެހީތެރިކަންދޭނެ ކަމަށް ވިދާޅުވީމާ އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެން ބޭނުންވާ މިސްރާބަށް ގެންދަން ލިބޭ ވަރަށް ބޮޑު ކުރިއެރުމެެއް،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު