ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސް މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

16 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ރައީސް މުޢިއްޒު އެސްޓޯނިއާގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މިއީ ބޯލްޓިކް ޤައުމަކަށް ދިވެހި ރައީސަކު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އެސްޓޯނިއާ  ރައީސް، އެކްސެލެންސީ ޑރ. އަލާރ ކާރިސްގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު އެޤައުމުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވި އެވެ. މީގެ ތެރޭގައި އެސްޓޯނިއާގެ ރައީސް، ޕާލަމެންޓުގެ ރައީސް، ވަޒީރުން، ޓާޓޫ ސިޓީގެ މޭޔަރު، އަދި އެކަޑެމިކް ދާއިރާގެ މަންދޫބުންނާ ބައްދަލުކުރެއްވުން ހިމެނެ އެވެ.

ރައީސް މުޢިއްޒު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި އައު ޒަމާނެއްގެ ފެށުމެއް ކަމަށެވެ. އަދި މިކަން ކަށަވަރުވެފައިވަނީ ބޭއްވުނު ގިނަ އަދަދެއްގެ ބައްދަލުވުންތަކުންނާއި ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާގެ ދާއިރާތަކުން ސޮއިކުރެވުނު އެމްއޯޔޫތަކުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެސްޓޯނިއާގެ ޑިޖިޓަލް ބަދަލުވުމަކީ ހަރުދަނާ އަދި ހާމަކަން ބޮޑު ވެރިކަމުގެ ބައިނަލްއަޤްވާމީ މިންގަނޑެކެވެ. އަދި ދިވެހިރާއްޖޭގައި ޑިޖިޓަލް ވެރިކަން ހަރުދަނާކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އިސްކަންދޭ ކަމެއްކަމުގައި ވިދާޅުވި އެވެ.

ދަތުރުފުޅު ނިންމަވާލައްވަމުން، ރައީސް މުޢިއްޒު، އެސްޓޯނިއާގެ ސަރުކާރާއި ރައްޔިތުންނަށް، ޚާއްޞަކޮށް ރައީސް ޑރ. ކާރިސްއަށް، އެމަނިކުފާނާއި ދިވެހި ވަފުދަށް ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށްޓަކައި ހިތުގެ އަޑިން ޝުކުރު ދެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު