ENGLISH

21 އޭޕްރީލު 2025

Advertisement

އިދިކޮޅުން ވަގު ފޯމު ހުށަހެޅީ ހަޖަމުނުވެގެން: ފަލާހު

16 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްްރާހީމް ފަލާހު

"ވަގު ފޯމު" ހުށަހަޅައިގެން އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕީއެންސީއަށް ވައްދާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތަކަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްްރާހީމް ފަލާހު ރައްދުދެއްވައިފި އެވެ.

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ރެޖިސްޓްރީކުރަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅުން ތުހުމަތުކުރާގޮތުގައި، އެކި މީސްމީހުންގެ ނަންނަމުގައި "ވަގު ފޯމު" ހުށަހަޅަމުންދަނީ ޕީއެންސީންނެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ފަލާހު އެ ވާހަކަދެއްކެވީ، އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމާ ގުޅޭ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ފަލާހު ވިދާޅުވި ގޮތުގައި އިދިކޮޅުން ޕީއެންސީއަށް އެފަދަ ތުހުމަތުތަކެއް ކުރަމުންދަނީ ވަރަށް ކުރު މުއްދަތެއްގައި ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީއާއި ގުޅުމުން، އެކަން "ހަޖަމު" ނުވެގެން ކަމަށެވެ. ޕީއެންސީން ދާދިފަހުން މުޅި ރާއްޖޭގައި ހިންގި މެމްބާޝިޕް ޑްރައިވްއާ އެކު، އެ ޕާޓީއާއި ގުޅުނު މެމްބަރުންގެ އަދަދު މިހާރު 75،000 އަށް އަރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

"މުޅި ރާއްޖޭގައި މިވަގުތު އުފެދިފަ މިއޮތް ޕާޓީތަކުން މިކަން ވަރަށް... މިހާ ބޮޑު އަދަދެއް މިހާ ކުރު މުއްދަތެއްގައި  ޕާޓީއަކަށް ވައްދާތީ ހަޖަމު ނުވެގެން އަމިއްލައަށް މީގެތެރެ ގަޑުބަޑުކުރަން ބައެއް ބޭފުޅުން އެބަހުރި ޕީއެންސީއަށް ވަދެފައި."  ފަލާހު ވިދާޅުވި އެވެ. 

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދުވެސް ޕީއެންސީގެ ރެޖިސްޓްރީގައި އޮތް މައްސަލައަށް ވެސް ފަލާހުގެ ވާހަކައިގައި އިޝާރާތް ކުރެއްވި އެވެ. މެމްބަރު ތުހުމަތު ކުރެއްވި ގޮތުގައި ޒިޔާދު ޕީއެންސީއަށް ރެޖިސްޓްރީވީ، "އަމިއްލަފުޅަށެވެ".

 "މިއަދު މިއީ މިކަން ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވަންޖެހޭ ދުވަހެއް. އެއީ އަމިއްލަފުޅަށް މި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޕީއެންސީއަށް ވަދެފައި އެބަހުރި ވަގަށް ފޯމު ކޮށްޕާލައިގެން. މީޑިއާއަށް މި މައްސަލަ ދީފައި ވަރަށް ކަންތައްތައްކޮށްފައި،" ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ ތުހުމަތުތައް އިދިކޮޅު މެމްބަރުން ވަނީ ދޮގުކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު