ENGLISH

21 އޭޕްރީލު 2025

Advertisement

ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ދެން ވެވޭނީ އީ-ފާސް މެދުވެރިކޮށް: އީސީ

16 ޖެނުއަރީ 2025

|

ޢަލީ ޝާހީން

މެންބަރު ހަސަން ޒަކަރިއްޔާ --- ފޮޓޯ: ޕީއެސްއެމް

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް އިލެކްޝާން ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ. 

މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރަކަށްވުމަށް އެދެވޭގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ މީހާއަށް ނޭނގި ފޯމު ފުރައިގެން ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކުރާ މައްސަލައާ ގުޅިގެން ކަމަށާއި، މި މައްސަލައަކީ މަލްޓި ޕާޓީ ނިޒާމު އުފެދުނީންސުރެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް އެކި ދުވަސްވަރު އެކި ފިޔަވަޅުތައް އެޅުނު ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް އައިސްފާނުވާކަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު ހުށައަޅާ ކަރުދާސް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަސްކަމަށާއި މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ވެސް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އިލެކްޝަންސް އިން މިގޮތަށް ހާމަކުރައްވާފައި މިވަނީ މީހާއަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ރެޖިސްޓްރީކުރަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު