ENGLISH
21 އޭޕްރީލު 2025
އެން.އާރ.ޓީ.ޑީ ތަޢާރަފުކުރުމަށް ބޭއްވި ވޯރކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި
16 ޖެނުއަރީ 2025
|
ނޭޝަނަލް ރިކޮމެންޑޭޝަންސް ޓްރެކިންގ ޑޭޓާބޭސް ވަރކްޝޮޕް
އ.ދ. ގެ އޮފީސް ފޯރ ދަ ހައިކޮމިޝަނަރ އޮން ހިއުމަން ރައިޓްސް (އޯ.އެޗް.ސީ.އެޗް.އާރ) އާއި ބަންޑާރަނައިބުގެ އޮފީސް ގުޅިގެން އިންތިޒާމްކޮށްގެން 14 ޖަނަވަރީ 2025 އިން 15 ޖަނަވަރީ 2025 ގެ ނިޔަލަށް ކުރިއަށްގެންދިޔަ، ނޭޝަނަލް ރިކޮމެންޑޭޝަންސް ޓްރެކިންގ ޑޭޓާބޭސް (އެން.އާރ.ޓީ.ޑީ) ތަޢާރަފުކޮށް މަސައްކަތް ފަށައިގަތުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ފޯކަލް ޕޮއިންޓުންނަށް ބޭއްވި ވޯރކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެން.އާރ.ޓީ.ޑީ އަކީ، ޤައުމުތަކުން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާޙަދާތަކުގެ ދަށުން، އ.ދ. ގެ ކަމާބެހޭ ކޮމިޓީތަކުން ޤައުމުތަކަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ޓްރެކްކުރުމާއި، އެ ރިކޮމެންޑޭޝަންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އ.ދ. އިން ތަޢާރަފުކޮށްފައިވާ ޑޭޓާބޭސްއެކެވެ.
އެން.އެމް.އައި.އާރު.އެފް ގެ ތެރެއިން ރިޕޯޓިންގެ މަސައްކަތްތައް ކުރާ ދައުލަތުގެ 23 އިދާރާއަކުން 40 ބައިވެރިންނާއެކު ބޭއްވި މި ވޯރކްޝޮޕްގެ މަޤްޞަދަކީ، ދިވެހިރާއްޖެއިން ތަސްދީޤުކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދިވެހިރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގެ މަސައްކަތްތަކާއި، އ.ދ.ގެ ކޮމިޓީތަކުން ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޑޭޓާބޭސްގައި ހިމަނާނެގޮތާގުޅޭ މަޢުލޫމާތު ޙިއްސާކޮށް، މި ޑޭޓާބޭސް ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދިނުމެވެ. މީގެ އިތުރުން، މި ވޯރކްޝޮޕްގައި، އެން.އާރ.ޓީ.ޑީގެ އިންޓަރެކްޓިވް ޑިމޮންސްޓްރޭޝަންއަކާއި، އ.ދ.ގެ ކޮމިޓީތަކުން ހުށަހަޅާ ރިކޮމެންޑޭޝަންތައް މާނަކުރުމާ ގުޅޭގޮތުންނާއި، އެން.އާރ.ޓީ.ޑީގެ އެސް.އޯ.ޕީއާ ގުޅޭ މަޢުލޫމާތު ޙިއްސާކުރެވިފައިވެއެވެ.
ނޭޝަނަލް ރެކޮމެންޑޭޝަން ޓްރެކިންގ ޑޭޓާބޭސް ތަޢާރަފްކުރުމަކީ ދިވެހިރާއްޖެއިން ތަސްދީޤުކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާ ރިޕޯޓްތަކަށް އ.ދ. ގެ ކޮމިޓީތަކުން ހުށަހަޅާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށާއި، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ދައުލަތުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.