ENGLISH

21 އޭޕްރީލު 2025

Advertisement

މާލީ ލުއި ދިނުމުގައި ރައީސްގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސަވައިފި

15 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ަރައީސް ޑރ. މުޢިއްޒު

ދައުލަތުގެ އޮފީސްތަކުންނާއި ޓޫރިޒަމް މިނިސްޓްރީން އެ ތަނަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމުގައި ލުޔެއް ދެވޭނީ އަދި ދައްކަން ޖެހޭ ފައިސާ މަޢާފުކޮށްދިނުމާއި އެނޫންވެސް ލުއިތައް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތް ހަމަޖައްސަވައިފިއެވެ.

މި ގޮތަށް ހަމަޖެއްސެވީ ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓުގައި ޝާއިރު ކުރި ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މަޢާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުގެ ތެރެއިންނެވެ.

މި އުސޫލުގެ ދަށުން، ދައުލަތުގެ އޮފީސްތަކާ އެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި މަންފާ ހޯދައިދިނުމާއި ފައިސާ މާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން މުއާމަލާތެއްގައި މީހަކަށް ލުޔެއް، މަންފާއެއް ނުވަތަ މަޢާފު ދިނުމަށް ހުށަހަޅާ ހާލަތްތަކުގައި ކަންކުރަން ޖެހޭ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

އުސޫލުގައިވާ ގޮތުން، މިފަދަ ހާލަތްތަކުގައި ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތް ހޯދުމަށް ފަހު، އެ ލިޔެކިޔުންތަކާއެކު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. ފިނޭންސް މިނިސްޓަރަށް ލުއި ދިނުމަށް ނުވަތަ މަޢާފު ދިނުމަށް ފެނިވަޑައިގަންނަވާ ހާލަތުގައި ރައީސްގެ ހުއްދަ ހޯދަންޖެހެއެވެ.

ޓޫރިޒަމް ޤާނޫނުގެ ދަށުން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ އަދި އިންޓްރެސްޓް ފަދަ ފައިސާ ބަހާލައިގެން ދެއްކުމަށް ލުއި ދިނުމާއި މަޢާފު ދިނުމަށް ނިންމާ ހާލަތުގައި ވެސް ރައީސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ލުއިތައް ދެވޭނީ އަޕްފްރަންޓް ފައިސާއެއްކޮށް ދައްކައި ޚަލާސްކުރުމުން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ލޯކަލް ކައުންސިލްތަކަށް މި އުސޫލު ތަފާތުވެއެވެ. ކައުންސިލްތަކަށް މިފަދަ ލުއިތައް ދިނުމަށް ރައީސްގެ ހުއްދަ ހޯދާކަށް ނުޖެހެއެވެ. ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެން ލުއި ދިނުމާއި މަޢާފު ދިނުމަށް ނިންމިދާނެއެވެ. ނަމަވެސް، މިފަދަ ނިންމުންތައް ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގަންޖެހެއެވެ.

މި އުސޫލު ނެރުމުގެ މަޤްޞަދަކީ ދައުލަތުގެ އޮފީސްތަކުން ފައިސާގެ މުޢާމަލާތްތަކުގައި ލުއި ދިނުމާއި މަޢާފު ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމެވެ. މިއީ ދައުލަތުގެ މާލިއްޔަތު ހިމާޔަތްކުރުމަށާއި، ޒިންމާދާރު ގޮތެއްގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު