ENGLISH

21 އޭޕްރީލު 2025

Advertisement

ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

15 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

މަރުގެ ދައުވާ ލިބޭ ލަމްހާ

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން ނުބަލަން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމަވައިފި އެވެ.

މޭރީ މަރާލި މައްސަލައިގައި ލަމްހާގެ މައްޗަށް ކޮށްފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ އެވެ.

މި މައްސަލައިގައި ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލާފަ އެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. އަދި ރަޖިސްޓްރާގެ ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ތާއީދުކުރެއްވި އެވެ. އެހެންކަމުން ދައުލަތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވެފައިވަނީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައިކޯޓުން މި މައްސަލަ ބަލައިނުގަތީ ގޯސްކޮށް ކަމަށެވެ. އަދި މި މައްސަލަ 10 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހައިކޯޓަށް އަންގަވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު