ENGLISH

21 އޭޕްރީލު 2025

Advertisement

ކެމްބްރިޖް މުޤައްރަރަށް ކިޔަވައިދޭ ފޮތް ލިޔަން ދިވެހިންނަށް ހުޅުވާލަނީ

15 ޖެނުއަރީ 2025

|

ޢަލީ ޝާހީން

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢު

ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލްގެ ތަޢުލީމީ މާއްދާތަކަށް ފޮތް ލިޔުމުގެ ފުރުސަތު ދިވެހި މުދައްރިސުންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކެމްބްރިޖް އިންޓަރނޭޝަނަލް (ސީއައިއޭ) އެގްޒަމިނޭޝަން ތަޢާރަފުކުރެވުނުތާ 23 އަހަރު ވެފައިވާއިރު، މިހާ ދިގު މުއްދަތެއް ފާއިތުވިއިރުވެސް ބޭނުންކުރެވެމުން އައީ ބޭރުން އެތެރެކުރެވޭ ފޮތްތައް ކަމަށެވެ. އަދި ދިވެހި މުދައްރިސުންގެ ކިބައިގައި ކެމްބްރިޖް އިމްތިޙާނުގެ މުޤައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގެ ޤާބިލުކަން ހުރިކަން ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ގިނަ ސްކޫލުތަކުގައި ދަރިވަރުން މިހާރު ބަރޯސާވަނީ ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްދޭ ނޯޓުތަކަށެވެ. އަދި ބޭރުން ގަނެގެން މިހާރު ދެވޭ މަސައްކަތު ފޮތްތަކަށްވުރެ މާ ފެންވަރު ރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައް ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ހަފުތާގައި ފޮތްތައް ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ނިންމަފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފަރުދުންނަށާއި ޓީމުތަކަށް ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކުމަށް ހުށަހެޅިދާނެ ކަމަށާއި، މި މަސައްކަތުގައި ތަޖުރިބާހުރި މުދައްރިސުން އިސްނެންގެވުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މީގެ ސަބަބުން ރާއްޖެއިން ބޭރުން ފޮތް ގަތުމަށް ކުރާ ޚަރަދު ޤައުމުގެ ތެރޭގައި ހިފެހެއްޓި، ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުމާއި، ސްކޫލުތަކުން ނޯޓު ޕްރިންޓުކުރުމަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ތިމާވެށްޓާ ރައްޓެހި އާދަކާދަތައް އަށަގެންނެވުމަށް އިތުރު ބާރަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު