ENGLISH
21 އޭޕްރީލު 2025
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ޚިދުމަތް ލިބޭ ގޮތް ހަމަޖައްސަވައިފި
15 ޖެނުއަރީ 2025
|
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެންރޯލްކޮށްފައިވާ ހޮސްޕިޓަލްތަކުން އާސަންދަ ސްކީމްގެ ޚިދުމަތް ދޭ ގޮތަށް މިއަދުން ފެށިގެން ހުޅުވާލައިފިއެެވެ.
މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމްގެ ޤަވާއިދު ނަމްބަރު 2015/R-19 ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރު ވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
އާސަންދައިގެ ޚިދުމަތް ފުޅާކޮށް، ޔޫއޭއީ އާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ޚިދުމަތް ދޭން ފެށުމާ ގުޅިގެން އާސަންދާއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ވަޢުދުފުޅުގެ ދަށުން ފުރަތަމަ އިސްކަން ދިނުމަށް ހަމަޖައްސާފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ މީހުންގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނުވަތަ އާއިލާގެ ތެރޭން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ މީހުން ކަމަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނާރަކީ ފަސްޓް ޑިގްރީ ޑޯނަރަކަށްވުން އެ ގައުމުތަކުގެ ގާނޫނާއި ޤަވާއިދުތަކުން ލާޒިމްކުރާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައި ނުވާ ފަރާތްތަކަށެވެ. އާސަންދަ ސްކީމަށް އިތުރުކުރެވިގެންދާ އެމްޕެނަލްމެންޓާ އެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ޔޫއޭއީގައި ކިޑްނީ ޓްރާންސްޕްލާންޓް ހަދާނަމަ ބަލިމީހާ ގެންދަން ބޭނުންވާ ޑޯނާއަށްވެސް ޓިކެޓާއި ހުރުމުގެ ޚަރަދު އާސަންދަ އިން ހަމަޖައްސައިދޭނެ އެވެ.
ދެވަނަ ބަޔަކީ ރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯދި ނަމަވެސް އެފަރާތެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލް ކުރަމުންދާ މީހުންނެވެ. މިފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމުގެ ފަންނީ ލަފައާއެކު ބަލި މީހުން ރިފާރކުރާނެ މަރުކަޒު އާސަންދަ ކުންފުނިން ކަނޑައަޅައި، އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ އެވެ.
ޔޫއޭއީ އަދި ތައިލެންޑުން އާސަންދަގެ ޚިދުމަތް މިއަދު ފުޅާވެގެންދިޔަ އިރު މަތީގައިވާ ދެ ބަޔަށް އިސްކަންދިނުމާއެކު ކުރިއަށް ދުވަސްތަކުގައި އިތުރު ބައިތަކަށް ޚިދުމަތްފުޅާ ކުރާނެކަމަށް އާސަންދައިން ވިދާޅުވެފައިވެއެވެ.
އާސަންދައިގެ ދަށުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހަޅާނީ މިހާރު ވެސް ޚިދުމަތަށް އެދޭ ގޮތަށް ކަމުގައި އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި ހޮސްޕިޓަލްތަކުގައި ޤާއިމްކޮށްފައިވާ ވިރަ ކައުންޓަރުތަކާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެެވެ.