ENGLISH

21 އޭޕްރީލު 2025

Advertisement

އާންމު ފަރާތްތަކުގެ ދަރަނި ރޯދައިގެ ކުރިން އަދާކޮށް، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހަދަން މަސައްކަތް ފަށައިފި

15 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް (ވ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަބްދުލްކަރީމް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ޢާންމު ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ކުރިއަށްއޮތް ރަމަޟާން މަހުގެ ކުރިން އަދާކޮށް، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކްތަ ފައްޓަވާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފެނަކަ ހިންގުމާއި ދާދިފަހުން ހަވާލުވެވަޑައިގަތް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ ވާރުތަވަމުން އައި ބޮޑެތި ދަރަނިތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ދަަރަނި ރޯދައިގެ ކުރިން އަދާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

"އަޅުގަނޑުމެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތްވާ ގަޮތުގެމަތިން ފިނޭންސް މިނިސްޓްރީއާ ގުޅިގެން، ޚާއްސަކޮށް ދިވެހި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ރޯދަމަހުގެ ކުރިއަށް ދެވޭތޯ މަސައްކަތް ކުރަމުން،" މަޤާމާ ހަވާލުވެވަޑައިގަތުމަށް ރާއްޖޭގެ މީޑިއާއަކާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ނަޖާހު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މިދިޔަ ހަފުތާގައި ގދ. ހޯޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ދޭނެކަމަށް ބުނެ ކުރީގެ ސަރުކާރުން ކުރުވާފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 500 މިލިއަން ރުފިޔާ މި ހަފުތާގެ ތެރޭގައި ދޫކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވަނީ ރޯދަ މަސް އައުމުގެ ކުރިން މި ހިނގާ ޖެނުއަރީ މަހާއި އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ނުދީ ހުރި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށް ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

މޭޖާ ރިޓަޔާރޑް ނަޖާޙު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނީގެ އިތުރުން ދެން ހުރި ދަރަނިތައް ދެއްކުމާ ގުޅޭގޮތުން ވެސް މާލީ ވުޒާރާއާ މަޝަވަރާ ކުރައްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފެނަކަ އަކީ ފައިދާވާނެ ކުންފުންޏެއް ކަމަށާއި ކުންފުނީގެ ހިންގުން ހަރުދަނާކޮށްގެން ލިބޭ ފައިދާއިން ދެން ހުރި ދަރަނިތައް ދެއްކުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. 

"އަސާސީ ޚިދުމަތެއް ދޭއިރު، ބޮޑު ފައިދާއެއް ކުންފުންޏަކުން ނުނަގާނެ. އަޅުގަނޑުމެން މި ބަލަނީ މި ކުންފުނި ރަނގަޅަށް ހިންގައިފިއްޔާ، ހަރަދުކޮށްކޮށް އޮންނަ އުސޫލުތަކާއި ޓްރާންސްޕޭރަންސީ ނިޒާމުގެ ތެރެއިން ބެސްޓު ޕްރެކްޓިސް އާ އެކީގައި ހިންގައިފިއްޔާ، ދެންހުރި ދަރަނިތައްވެސް ސަރުކާރަށް މާބޮޑު ބުރައަކަށް ނުވެ، އަޅުގަނޑުމެންނަށް ދެއްކޭނޭ ކަމަށް،" އޭނާ ވިދާޅުވިއެވެ. 

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަބްދުލްކަރީމް ވިދާޅުވީ، އެ ކުންފުންޏަށް އެކިފަަރާތްތަކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވެސް އެކަށީގެންވާ މިންވަރެއް ހޯދިފައިވާ ކަމަށެވެ. އަދި ޑީސަލް ގަތުމުގައި ކުރިން އަމަލުކުރަމުން އައި އުސޫލު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ޑީސަލަށް ކުރާ ހޭދައިން 10 އިންސައްތަ މިހާރު ސަލާމަތް ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާޒާރުން މުދާ ހޯދުމުގައި ސަޕްލަޔަރުންނާއި ވާހަކަދައްކައިގެން، އެކަށީގެންވާ އަގުގައި މުދާ ހޯދުމަށް އިސްކަންދީފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ 157 ރަށުގައި ކަރަންޓު ޚިދުމަތް، 94 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 99 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. މި ސަރުކާރުން ފެނަކައާ ހަވާލުވީއިރު އޮތް 4.3 ބިލިއަން ރުފިޔާގެ ދަރަނިން ބިލިއަނެއްހާ ރުފިޔާ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އަދާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު