ENGLISH

21 އޭޕްރީލު 2025

Advertisement

އަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން: ރައީސް

14 ޖެނުއަރީ 2025

|

ހަސަން އާމިރު

އަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާ، މިފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަންދެނިވި މޭރުމަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެ ޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު ބޭއްވެވި ރައުންޑްޓޭބަލް މަޝްވަރާތަކުގައެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނާއި، ޓެކްނޮލޮޖީގެ ދާއިރާގެ މަންދޫބުން ވަނީ ޑިޖިޓަލް ވެށްޓަކަށް އެސްޓޯނިއާއިން ކުރި ފާހަގަކޮށްލެވޭ ދަތުރާ ބެހޭ މަޢުލޫމާތު ހޯއްދަވައި، އެމަސައްކަތްތައް ބައްލަވައިލައްވާފައެވެ.

ރައުންޑްޓޭބަލް މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޙައްމަޒު ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރެއްވިއެވެ. ޑިޖިޓަލް ރާއްޖޭގެ ތަޞައްވުރަކީ، އެންމެންނަށްވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަޞައްވުރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއާއެކު ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓޮނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގެ މޭރުމުން ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެއްވިއެވެ. އަދި މިހާރަށްވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަޞީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްޤީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި އީޖާދުތަކަށް މަގުފަހިކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ތިންކިންގ އަކީ ޅަ ޢުމުރުން ފެށިގެންވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އެފަރާތްތަކުގެ ތަޖުރިބާ ޙިއްސާކޮށްދެއްވާ، ޚިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން، ކައުންސިލުގެ މެންބަރުން ފާޅުކުރެއްވިއެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު މިއަދު ކުރިއަށް ގެންދެވި މަޝްވަރާތައް ޢަމާޒު ކުރެއްވީ ދިވެހިރާއްޖޭގެ އަދުގެ ޙާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.

އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާާކު ރައުންޑްޓޭބަލް މަޝްވަރާތައް ކުރިއަށް ގެންދެވީ އެސްޓޯނިއާގެ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމްގައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމް ބައްލަވައިލައްވާފައެވެ. ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމްގެ ކަލެކްޝަނާއި ފަންނުވެރި މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެސްޓޯނިއާގެ އައިޓީ ވިޝަންރީ މިސްޓަރ ލިއްނާރް ވީކްއެވެ.

ކިޔުންތެރިންގެ ހިޔާލު