ENGLISH

21 އޭޕްރީލު 2025

Advertisement

ރޯދަ އަންނަންވާރިރަށް 46 ރަށެއްގެ ކަރަންޓު ޚިދުމަތް ރަނގަޅުވާންޖެހޭ: ފެނަކަ

14 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އެއްވެސް ރަށެއްގައި ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ޚިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި 46 ރަށެއްގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރަން ޖެހޭކަމަށް ފެނަކަ ކޯޕަރޭޝަނުން މިރޭ ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަމުން، ރާއްޖޭގެ ގިނަ ރަށްރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ޚިދުމަތް ފޯރުކޯށްދިނުމަށްޓަކައި ދިރާސާއެއް ހައްދަވާފައިވާ ކަމަށެވެެ. 

"މިހާރު ވެސް ފާހަގަކުރެވިފައި އެބައޮތް 46 ރަށެއްގައި ކަރަންޓު ވިއުގަ ހަރުދަނާކުރާން، މިކަމާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހަދާ ފިނޭންސް މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން، ޖަނަރޭޓަރުތައް ހޯދުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފެއްޓިފައި. ދެންހުރި އޯވަހޯލްކުރާން ޖެހޭ ޖަނަރޭޓަރު ސެޓްތައް އޯވަހޯލް ކުރުމަށްޓަކައި ބޭނުންވާ އެއްޗެހި ހޯދައިގެން ފެށުމަށް މަސައްކަތް ކުރަމުން މިދަނީ. އުންމީދަކީ ހަމަ ބަކަރާތްތެރި ރަމަޟާން މަހު އެއްވެސް ގޭބިސީއަކަށް ކަރަންޓު ނުކުނޑި ކަރަންޓު ދެމުންދިއުން،" އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މިދިޔަ ހަފުތާގައި ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.

"އެންމެ ރަށެއްވެސް ދޫކޮށްނުލާ ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަތައް ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން، މި ދެމަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، ރަމަޟާން މަހު ތިބޭފުޅުން ކަންބޮޑުވާންޖެހިވަޑައިނުގަންނަވާ ފެންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް،" އެމަނިކުފާނު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މި ސަރުކާރުން ފެނަކައާ ހަވާލުވިއިރު، ރާއްޖޭގެ ރަށްރަށުގައި ހުރި 500 އަށްވުރެ ގިނަ ޖަނަރޭޓަރު ސެޓްގެ ތެރެއިން ގިނަ ޖަނަރޭޓަރުތައް ހުރީ އޯވަހޯލް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ. ރަށްރަށުގައި ކަރަންޓު ކެނޑެން ދިމާވެފައިވާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ. 

"ދެ ފޭސްއަކަށް މި ބަހާލީ، 41 ޖަނަރޭޓަރު އޯވަހޯލްކުރަން އެބައިން ފޭސް 1 ގައި ވެސް، ފޭސް ދޭއްގައި 79 ޖަނަރޭޓަރު، މިއީ ވަރަށް ބޮޑު އިހުމާލެއް، ޖަނަރޭޓާރެއްގެ އެފިޝަންސީ 50 ޕަސެންޓަށް ތިރިވުން އެއީ ބަލައި ގަނެވޭނެ ކަމެއްނޫން، މިވަރުގެ ބޮޑު އިހުމާލެއް ވެވިފައިމިވަނީ ކޮންމެވެސް ހިސާބެއްގައި،" ފެނަކައިގެ އިންޖީނުގެތަކުގެ ހާލަތާ ގުޅޭގޮތުން ނަޖާޙް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެނަކައިން އިސްކަން ދެނީ އާ ޖަނަރޭޓަރު ސެޓް ގެނައުމުގެ ބަދަލުގައި މަރާމާރުކޮށްގެން ބޭނުން ކުރެވޭނެ ޖަނަރޭޓަރުތައް މަރާމާތުކޮށްގެން ޚިދުމަތް ރަނގަޅު ކުރުމަށް ކަމަށެވެ. ގިނަ ޖަނަރޭޓަރުތަކަކީ އޯވަހޯލް ކުރުމުން އަލުން ފުރިހަމައަށް ބޭނުން ކުރޭވޭނެ ޖަނަރޭޓަރު ސެޓްތައް ކަމަށް އޭނާ ވިދާޅުވިއެވެ. ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަން ރާއްވަވާފައިވާކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު