ENGLISH
21 އޭޕްރީލު 2025
އައްޑޫން ކަރަންޓު ކެނޑޭ މައްސަލައަށް 48 ގަޑިއިރު ތެރޭގައި ހައްލެއް ހޯދަނީ
14 ޖެނުއަރީ 2025
|
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ފެނަކައިގެ އެމްޑީ މިރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއެމް
އައްޑޫ އަތޮޅުގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލައަށް އަވަސް ހައްލެއް 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް، ފެނަކަ ކޯޕްރޭޝަނުން މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ ކުންފުންޏާއި ދާދިފަހުން ގުޅިވަޑައިގަތް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އަައްޑޫގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަކީ، އެ ކުންފުނިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންތައް ކަމަށެެވެ. ކޮންމެ ދުވަހަކު އައްޑޫ އަތޮޅުން ކަރަންޓު ކެނޑެން ދިމާވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލުކުރެއްވުމަށް، މަސައްކަތް ކުރައްވަމުން ގެންދާވާކަމަށް އޭނާ ވިދާޅުވިއެވެ.
"(އައްޑޫ އަތޮޅުގައި) ކޮންމެ ދުވަހަކު ވެސް ކަރަންޓު ކެނޑެމުންދާ ވާހަކަ އެއީ ހަޤީޤަތުގައި ރަނގަޅު ވާހަކައެއް، އެތާހުރި ޖަނަރޭޓަރުތަކުގެ ހާލަތު ދަށްވެގެން 5 ޖަނަރޭޓަރެއް އެއްކޮށް ޝަޓްޑައުންވީ، ސްޓެލްކޯގެ އެހީތެރިކަމާއެކީގައި ސްޕެއާ ހޯދައިގެން އެއް ޖަނަރޭޓަރުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ، މާދަމާގެ ހެނދުނަށް އެ ޖަނަރޭޓަރު ސިސްޓަމުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނަން، 48 ގަޑިއިރު ތެރޭގައި ދެވަނަ ޖަނަރޭޓަރެއް ސިސްޓަމަށް ގެންދާނަށް،" އެނާ ވިދާޅުވިއެވެ.
މޭޖާ ރިޓަޔާރޑް ނަޖާޙް ވިދާޅުވީ އައްޑޫއިން ކަރަންޓު ކެނޑެން ދިމާވެފައިވާ މައިގަނޑު ސަބަބަކީ ޖަނަރޭޓަރުތައް މަރާމާތު ނުކޮށް ގިނަ ދުވަސް ވުމެވެ. އޭނާ ވިދާޅުވީ ދެ ޖަނަރޭޓަރު މަރާމާތު ކުރުމުން ކަރަންޓު ނުކަނޑައި ޚިދުމަތް ދިނުމަށް މިވަގުތަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. ރަމަަޟާން މަހަކީ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ލޯޑް ބޮޑުވާނެ ދުވަސްތަކަށްވުމުން، އައްޑޫގައި މަރާމާތު ކުރަން ޖެހޭ ޖަނަރޭޓަރުތަކުގެ ތެރެއިން އިތުރު ދެ ޖަނަރޭޓަރެއް ވެސް ރޯދައިގެ ކުރިން މަރާމާތު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބަބުން އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް، ރައްޔިތުން މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ މެންބަރުންނާ އަދި ފިނޭންސް މިނިސްޓްރީއާ މިއަދު ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ އަށް އެދެވޭ ހައްލެއް ނުލިބިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ވިއްސަކަށް ޖަނަރޭޓަރު ބަހައްޓާފައިވާއިރު އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ.