ENGLISH

19 އޭޕްރީލު 2025

Advertisement

ފަސްކުރެވުނު 'މާސީސައިޑް ޑާބީ' އަންނަ މަހު 12 ގައި

14 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން ކުޅުނު 'މާސީސައިޑް ޑާބީ' މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ގުޑިސަން ޕާކްގައި ފެނިގެންދާނެ އެންމެ ފަހު 'މާސީސައިޑް ޑާބީ' އަންނަ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ކުޅެން ޕްރިމިއަރ ލީގުން ހަމަޖައްސައިފިއެވެ.

ކުރީން މިދިޔަ ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ލިވަޕޫލާއި އެވަޓަންގެ މެދުގައި ކުޅޭ 'މާސީސައިޑް ޑާބީ' ފަސްކުރެވުނީ، އިނގިރޭސިވިލާތުގެ ބައެއް ހިސާބުތަކަށް އައި ތޫފާން ޑާރާގެ ސަބަބުން ސަލާމަތީ ކަންބޮޑުވުންތަކާ ހުރެއެވެ.

އިނގިރޭސިވިލާތުގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ވާދަވެރިކަން ބޮޑު، 'މާސީސައިޑް ޑާބީ' ކުޅެން އައު ތާރީޚެއް ހަމަޖައްސާފައިވަނީ، ކުލަބުތަކާއި ލީގުގެ އިސްފަރާތްތަކުން ބޭއްވި މަޝްވަރާތަކަށްފަހު އެވެ.

ނަމަވެސް، އަލަށް ކަނޑައެޅުނު ތާރީޚު ދިމާވަނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ހަފްތާގެ ދުވަހަކާއެވެ.

އެވަޓަންގެ ދަނޑު، ގުޑިސަން ޕާކް ކައިރިން ބަޔަކު ހިނގާފަ ދަނީ. އަންނަ މަހު ކުޅޭ 'މާސީސައިޑް ޑާބީ' އަކީ މި ދަނޑުގައި ކުޅޭނެ އެންމެ ފަހު ޑާބީ. --ފޮޓޯ: ގެޓީ އިމޭޖަސް

އެހެންކަމުން، މި ތާރީޚުގައި 'މާސީސައިޑް ޑާބީ' ކުޅެވޭނެ ކަމުގެ ޔަޤީންކަން ބޮޑުވެފައިވަނީ، ޗެމްޕިއަންސް ލީގުގެ ގަދަ 8 ޓީމުގެ މެދުގައި ލިވަޕޫލް ހިމެނި، ޕްލޭ-އޮފް ބުރުގައި ވާދަކުރަން ޖެހޭނެކަމަށް ނުބެލެވޭތީއެވެ. އެއީ، ލިވަޕޫލުން ވަނީ މިހާތަނަށް އެ މުބާރާތުގެ ލީގު ފިޔަވަހީގެ ބުރުގައި ކުޅުނު ހަ މެޗު ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑާއެކު ކަމަށް ވުމެވެ.

'މާސީސައިޑް ޑާބީ' ކުޅުމަށް ހަމަޖެހިފައިވާ ހަފްތާގައި އެ މެޗުގެ ކުރީން ލިވަޕޫލުން އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޕްލައިމަތު އާގިލްއާ ދެކޮޅަށް ނުކުންނައިރު، އެ މުބާރާތުގައި އެވަޓަންގެ ދަނޑުގައި އެ ޓީމުން ނުކުންނާނީ ބޯންމަތުއާ ދެކޮޅަށެވެ.

އެވަޓަންގެ މިހާރުގެ ދަނޑު، ގުޑިސަން ޕާކްގައި ކުޅޭ އެންމެ ފަހު ޑާބީ އަށް ފަހު، އެ ޓީމު ރަށުން ބޭރުގައި ދެން ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ހަމަ އެ ހަފްތާގައި ލިވަޕޫލްގެ ދަނޑުގައި ބައްދަލުކުރާނީ ވުލްވްސްއާ އެވެ.

ކުރީން، މިދިޔަ ޑިސެމްބަރު މަހު ކުޅުމަށް ހަމަޖެހިފައި އޮތް މި މެޗަށް އެވަޓަން އަންނަ މަހު ނުކުންނައިރު އެ ޓީމުން ވަނީ އޭރުގެ ކޯޗު، ޝޯން ޑައިޗްގެ ބަދަލުގައި އެ ކުލަބުގެ ކޯޗުގެ މަގާމަށް ޑޭވިޑް މޮއިސް ހަމަޖައްސައިފައެވެ.

ލިވަޕޫލްގެ ސަލާހު (ވ) އަތުން ބޯޅަ ހޯދަން އެވަޓަންގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ލީގުގެ މި ފޯރިގަދަ، ޒަމާންވީ ވާދަވެރި މެޗަށް ނުކުންނައިރު ލިވަޕޫލް އަދިވެސް އުޅެނީ އެއްވަނައިގައެވެ. ލިވަޕޫލް މިހާތަނަށް ކުޅުނު 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާސެނަލް އަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

މި ވަގުތު އެވަޓަން އޮތީ ތާވަލްގެ 16 ވަނައިގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނާ އެ ޓީމާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ 'މާސީސައިޑް ޑާބީ' ގެ ދެވަނަ މެޗު ލިވަޕޫލްގެ ދަނޑުގައި ކުޅޭނީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައެވެ.

ކިޔުންތެރިންގެ ހިޔާލު