ENGLISH
14 ފެބްރުއަރީ 2026
ހުނަރުވެރި ޒުވާން ކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަންކަމެއް ނޫން: އަލީ އާރިފް
14 ފެބްރުއަރީ 2026
|
ރައީސް އޮފީހުގެ ވަޒީރު އަލީ އާރިފު
އެންމެ މަޤްބޫލު
ހުނަރުވެރި ޒުވާން ކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ ނޫސްވެރިކަމުގެ ނުވަތަ ސިޔާސީ މިނިވަންކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެއްޖެއެވެ.
މިފަދައިން އަލީ އާރިފު ވިދާޅުވީ 2024 ވަނަ އަހަރު ކުޅުންތެރިންނާއި އޮފިޝަލުން ހޯދި ކާމިޔާބުތައް ފާހަގަކުރުމުގެ ގޮތުން ދޭ ކުޅިވަރު އެވޯޑު 2025 އަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުން މުޙައްމަދު ޢުމައިރުގެ ނަން ނޮމިނޭޓުކުރުމުން އެކަން ސިޔާސީކޮށް އެކި ޒާތްޒާތުގެ ތުހުމަތުތައް މީސްމީޑިޔާ މަންސަތަކާއި ބައެއް މީޑިޔާއިން ފަތުރަމުންދާތީއެވެ.
އަލީ އާރިފު ފާހަގަކުރެއްވި ގޮތުގައި އުމައިރާއެކު އެހެން ބައެއް ސިޔާސީންގެ ބޭފުޅުންގެ ނަންފުޅުވެސް އެވޯޑަށް ނޮމިނޭޓުވެފައިވެއެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރު އުފެއްދެވި ސުވާލަކީ ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓުވުމަކީ ކުށަކަށްވީ ވަކި ބޭފުޅެއްގެ ދަރިކަލަކަށް އޭނާވާތީތޯއެވެ؟
"އަނެއް ހަތަރު ކުދިންގެ ތެރޭފައިވެސް ސިޔާސީ ބޭފުޅުންގެ ކުދިންވެސް އެބަތިއްބެވެ. އެއީ އުމައިރު ފަދައިން އެކުދިންވެސް ހުނަރުވެރިވީމައެވެ.،" ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީވެސްވަނީ މީސްމީޑިޔާގައި ޕޯސްޓެއް ޝާއިއުކުރައްވާފައެވެ. އޭނާވަނީ 2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުބާރާތްތަކުން އުމައިރު ހޯދި ކާމިޔާބުތަކުގެ ތަފުސީލުތައް ހިއްސާކޮށްފައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އުމައިރުގެ ނަން ނޮމިނޭޓުކުރީ އެހެން އެތުލީޓުންނެކޭ އެއްފަދައިން އޭނާގެ ކާމިޔާބުތަކަށް ރިއާޔަތްކޮށްގެންނެވެ.
އަދި ޓީޓީ އެސޯސިއޭޝަނުގެ ޖީއެސް ވިދާޅުވި ގޮތުގައި ކުޅިވަރުގެ ކަންކަން ހިނގާ ގޮތް ނުބަލައި، އަދި އުމައިރުގެ ނަން ނޮމިނޭޓުކުރި ސަބަބުތަކަށް ރިއާޔަތްނުކޮށް އެކި ބާވަތުގެ ވާހަކަދައްކާ ފަރާތްތަކުން މައާފަށް އެދެންޖެހޭނެއެވެ. އެކަމަށް އޭނާ ގޮވައިލެއްވިއެވެ.
އަލީ އާރިފު ވިދާޅުވި ގޮތުގައި ކުޅިވަރުގައި ކާމިޔާބު ހޯދާ އެތުލީޓުންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް އަދި ސިޔާސީ މިނިވަންކަމެއް ނޫނެވެ. އޭނާަ ސިފަކުރެއްވި ގޮތުގައި އެއީ ފާޅުގައި އެކުދިންގެ ހައްގުތަކަށް އަރައިގަތުމެވެ.