ENGLISH
03 ޖޫން 2026
ކިންގްސް ކަޕް: ހޯކްސް ކުއާޓާއަށް، އުތީމަށް ބޮޑު މޮޅެއް
03 ޖޫން 2026
|
ކިންގްސް ކަޕުގައި ހޯކްސް އާއި ފިސްޑާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގެ ކުއާޓާ ފައިނަލަށް ކުލަބު ހޯކްސް ދަތުރުކުރިއިރު، އުތީމު ފުޓްބޯލް ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާއަށް ހޯކްސް ދަތުރުކުރީ ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އަތުން ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ހޯކްސްގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި މުޙައްމަދު ފާސިރު (ފާއްޓެ) އާއި އިޝާން އިބްރާހީމް (ސައްޓު) އެވެ. ފިސްޑާގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ވިޝާހު އިބްރާހީމެވެ.
މި މޮޅާއެކު ހޯކްސް ކުއާޓާގެ ޖާގައެއް ޔަގީންކުރީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ 6 ޕޮއިންޓާއެކުއެވެ. ގްރޫޕް ބީގެ ދެވަނައިގައި އޮތް އެސްޓީއޯ ރެކްރިއޭޝަން ކުލަބަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށްވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުވެފައެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި ފުލުގައި އޮތް ފިސްޑާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއީ، ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ދެ ޓީމެވެ.
ކިންގްސް ކަޕުގައި އުތީމާއި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އޭގައި މިރޭ އުތީމުން ވަނީ 6-2 ގެ ނަތީޖާއަކުން ޓީމު އެޗްޕީއެސްއެން ބަލިކޮށްފައެވެ. މި މެޗުގައި އުތީމުގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ސާއިމް، މުޙައްމަދު ރިޝްމީ، މުޙައްމަދު ސަޚާއު، މުޙައްމަދު މުއާދު އަދި މުޙައްމަދު މަޒީނެވެ. އެޗްޕީއެސްއެންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނާއިޝް އާދަމް އަދި މުޙައްމަދު މާއިލް އަރީފެވެ.
މިއީ މި މުބާރާތުގައި އުތީމުން ހޯދި ފުރަތަމަ މޮޅެވެ. އެއާއެކު އުތީމު ވަނީ 3 ޕޮއިންޓް ހޯދައި، ގްރޫޕް އޭގެ ތިންވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓް ހޯދައި، ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފައިވާ ކުލަބު އެމްޓީސީސީއެވެ. ދެވަނައިގައި އޮތް އެއިޓީފޯ އެފްސީއަށްވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތީ ދެ މެޗުން ބަލިވި އެޗްޕީއެސްއެންއެވެ.
ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ކިންގްސް ކަޕުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުގެރެއެވެ.