ENGLISH

03 ޖޫން 2026

Advertisement

ސްވިޒަލެންޑް ޓީމު އެމެރިކާއަށް ދާން ޖެހުނީ އެއް ކުޅުންތެރިއަކު ނުލައި

03 ޖޫން 2026

|

ސުވެއިދާ ހުސެއިން

ސްވިޒަލެންޑުގެ ފޯވާޑް ބްރީލް އެމްބޯލޯ: އޭނާއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބޭތީ، ޓީމާއެކު ދަތުރު ނުކުރެވުނު ---

މި މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ފެށުމަށް ތައްޔާރުވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕަށް ޓީމުތަކުން އެ ގައުމުތަކަށް މިހާރު ވަނީ ދާން ފަށާފައެވެ. އެހެންނަމަވެސް އެމެރިކާއަށް އެތެރެވުމުގައި ބައެއް ޓީމުތަކަށާއި، ކުޅުންތެރިންނަށް އަންނަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ.  ސްވިޒަލެންޑުގެ ވޯލްޑް ކަޕް ސްކޮޑު އަންގާރަ ދުވަހު އެމެރިކާއަށް ދަތުރުކުރިއިރު، އެ ޓީމުގެ ފޯވާޑް ބްރީލް އެމްބޯލޯއަށް، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނެތުމުން ބައިވެރިނުވެވުނެވެ.

ޚަބަރުތައް ބުނާގޮތުން އޭނާއަށް ޓީމާއެކު ދަތުރުގައި ބައިވެރިނުވެވުނީ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ (އެސްޓާ) ދިނުމާ މެދު އަލުން މުރާޖާކުރަން ފެށުމާ ގުޅިގެންނެވެ.

"އެސްޓާ" އަކީ އާދައިގެ ވިސާއަކާ ނުލައި އެމެރިކާއަށް އެތެރެވުމުގެ ޝަރުތު ހަމަވޭތޯ ބަލައި، އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން ދޫކުރާ ހުއްދައެކެވެ. އެމްބޯލޯގެ "އެސްޓާ" މުރާޖާކުރަން ނިންމީ، 2018 ވަނަ އަހަރު ބަސެލްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ސްވިޒަލެންޑުގެ ކޯޓަކުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ.

ގައުމީ ޓީމަށް ކުޅުނު 85 މެޗުން 23 ލަނޑު ޖަހައި، 2018 އަދި 2022 ގެ ވޯލްޑް ކަޕުގައިވެސް ކުޅެފައިވާ އުމުރުން 29 އަހަރުގެ އެމްބޯލޯގެ މައްޗަށް، އެކި ފަރާތްތަކަށް އިންޒާރުދިނުމުގެ ކުށް 2023 ވަނަ އަހަރު ވަނީ ސާބިތުވެފައެވެ. އަދި އެކަމުގައި އޭނާއަށް ވަނީ ޖޫރިމަނާއެއް ކަނޑައަޅާފައެވެ.

ސްވިސްގެ މީޑިއާތަކުން މިދިޔަ އޭޕްރީލް މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްތިއުނާފީ މަރުހަލާއިންވެސް އެހުކުމަށް ތާއީދުކުރުމާ ގުޅިގެން، އެ މައްސަލަ ފެޑަރަލް ކޯޓަށް ނުގެންދަން ނިންމާފައިވާ ކަމަށްވެއެވެ. އެއާއެކު އެ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.

އެމްބޯލޯއަށް ޓީމާއެކު އެމެރިކާއަށް ދަތުރުކުރެވޭ ގޮތެއް ނުވި ކަމަށް، ސްވިޒަލެންޑުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައިވެސް ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް އޭނާގެ "އެސްޓާ" ހުއްދަ އޮތީ ދީފައި ކަމަށާއި، ނަމަވެސް ހެނދުނު 10:30 ހާއިރު، އޭނާގެ ހުއްދަ އިތުރަށް މުރާޖާކުރަމުންދާކަން ފުޓްބޯޅަ ފެޑެރޭޝަނަށް އެގުނު ކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އުންމީދަކީ ވީ އެންމެ އަވަސް ފުރުސަތެއްގައި އެމްބޯލޯއަށް ދަތުރުކުރެވި، ޓީމާ ގުޅެވޭނެ ގޮތްވުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ ޖޫން މަހު މެކްސިކޯ އާއި އެމެރިކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް އެމްބޯލޯ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފައިވެއެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު ސްވިސް ގައުމީ ޓީމުގެ އިންސްޓަގްރާމް އެކައުންޓުން ވަނީ ކުޅުންތެރިން ބޯޓުގައި ތިބި ފޮޓޯއެއް އާންމުކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި ލިޔެފައިވަނީ "އެއް ގޮނޑި ހުސްކޮށް، އެކަމަކު އުންމީދަކީ ލަސްތަކެއްނުވެ ބްރީލް އެމްބޯލޯ ޓީމާ ގުޅުން" މިފަދައިންނެވެ.

ސްވިޒަލެންޑް ޓީމުން، ވޯލްޑް ކަޕުގެ ތައްޔާރީތަކަށް ދަނީ އެމެރިކާގެ ސެން ޑިއޭގޯގައި ކޭމްޕް ކުރަމުންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު އެ ޓީމު ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުގައި ދެން އެ ޓީމާ ވާދަކުރާނީ ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަދި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާއެވެ.

ކިޔުންތެރިންގެ ހިޔާލު