ENGLISH
15 ފެބްރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުން؛ ހަރަަދު ކުޑަކުރުމާއެކު ވެރިކަން ހިންގުން ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅެއް
15 ފެބްރުއަރީ 2026
|
އިންތިހާބެއްގެ ވޯޓު ފޮށި ބަންދުކޮށްފައި، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމުގެ ބަހުސްގައި އިންތިހާބުތަކުގައި ވޯޓު ދޭ ގޮތާ އެއްވަރުގެ މުހިއްމު އެއް ބަހުސަކީ އިންތިހާބުގައި ވޯޓުލާ ވަގުތުގެ ބަހުސެވެ. އިންތިހާބުތަކާ ގުޅިފައިވާ އިދާރީ ހަރަދުތަކާއި، ވޯޓު ލާން ނިކުންނަ އާބާދީން ފެންނަ ވޯޓުވެރިންގެ ވަރުބަލިކަން ފަދަ ކަންކަމުގެ ސަބަބުން ސިޔާސީ އިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ހުށަހަޅުއްވަމުންގެންދަވާ އެއް ހައްލަކީ “ޑަބަލް ހެޑަރ” އިންތިހާބު ނުވަތަ ބޮޑު ދެ އިންތިހާބު އެއްކޮށްލަައިގެން އެއް އިންތިހާބު ބޭއްވުމެވެ.
އިންތިހާބުތައް އެއްކޮށްލުމަށް ތާއީދުކުރައްވާ ބޭފުޅުންގެ މައިގަނޑު އެއް ބަހުސަކީ ހަރަދު ކުޑަކުރެވުމެވެ. ނަމަވެސް އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާއަކީ ހަމައެކަނި ހަރަދު ކުޑަވުމެއް ނޫނެވެ. ފުންކޮށް ވިސްނައިފިނަމަ މިފަދަ ބަދަލެއްގެ ސަބަބުން ދައުލަތުގެ ހިންގުމަށްވެސް ހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެވޭނެއެވެ.
ރާއްޖެއެކޭ އެއްފަދައިން ރިޔާސީ ނިޒާމު ހިންގަމުންދާ ވަރަށް ގިނަ ގައުމުތަކުން ފެންނަ އެއް ތަޖުރިބާއަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކިން ބޭއްވުމުން، ރައީސް އިންތިހާބުވެވަޑައިގެން ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގެން މަޖިލިސް އިންތިހާބާ ދެމެދުގައި ފާއިތުވާ މުއްދަތުގައި ސަރުކާރު މަރުތަޅު އެޅުވި، ރައްޔިތުން ހަވާލުކުރި މެންޑޭޓާ އެއްގޮތަށް ދައުލަތް ހިންގެވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމެވެ.
ރާއްޖޭގެ ސިޔާސީ ތާރީހުން މިސާލެއް ބަލާނަމަ، 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންތިހާބުވެވަޑައިގެން 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާ ދެމެދުގައި ފާއިތުވި ހަ މަހެއްހައި ދުވަހު އެއިރު އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ކުރިމަތިކުރި އެތައް ދައްޗަކާ ތުރާލެއް ތަހައްމަލުކުރައްވަން ޖެހިވަޑައިގަތެވެ. 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ހުށަހެޅުއްވި މުހިއްމު ބޮޑެތި ބައެއް ބަދަލުތައް ގެނައުމަށް އެމްޑީޕީގެ އަޣުލަބިއްޔަތުން ރުހުން ނުދިނެވެ. ހަމައެހެންމެ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއްހައި ދުވަސް ތެރޭ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް އެމްޑީޕީގެ އެތެރޭގައި ފެށިގެންދިޔައެވެ. އެ މަސައްކަތް ހުއްޓުމަކަށްއައީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ބައެއް ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަތުމުގެ ސަބަބުން އެ ޕާޓީއަށް މަޖިލީހުގައި އެއިރު އޮތް ބޮޑު އަޣުލަބިއްޔަތު ގެއްލުމުންނެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ނަތީޖާއަކަށްވާނީ އިނގިރޭސިބަހުން ދަންނަވާނަމަ “ކޯޓެއިލް އެފެކްޓް” ނުކުތުމެވެ. އެއީ މަގުބޫލު ރިޔާސީ ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި ގާނޫނު ހަދާ މަޖިލީހަށް ވާދަކުރައްވާ މެންބަރުންނަށް ކާމިޔާބު ލިބިވަޑައިގެން، ރައީސްގެ ތަސައްވުރަށް ވާގިވެރިވާނެ ޓީމެއް ފުރަތަމަ ދުވަހުން ފެށިގެން ގާނޫނު ހަދާ މަޖިލީހުގައި ތިބުމެވެ. ކޮންމެ ރައީސެއްގެ ވައުދުނާމާގައި ލެޖިސްލޭޓިވް އެޖެންޑާއެއް ނުވަތަ ގާނޫނީ ގޮތުން ގެންނަވާނެ ބަދަލުތަކެއް ހިމެނޭއިރު، ފުރަތަމަ ދުވަހުން ފެށިގެން އެ އިސްލާހުތަކާއި ބަދަލުތައް ގެނައުމަށް މަގުފަހިވުމަކީ، ވަށާޖެހޭ ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރާނެ ޖާގަ ރައީސަށް ލިބިވަޑައިގަތުމެވެ.
ރާއްޖެ ހިމެނޭހެން ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުން ފެންނަ އެއް ހަގީގަތަކީ ގިނަ އިންތިހާބުތަކެއް ބޭއްވުމުން އިންތިހާބުތަކުގައި ރައްޔިތުން ބައިވެރިވާ މިންވަރު ދަށްވާ ކަމެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނުމަށް ނިކުންނަ މިންވަރާ އަޅާބަލާއިރު މަޖިލިސް އިންތިހާބާއި ކައުންސިލު އިންތިހާބުގައި ވޯޓުލާން ރައްޔިތުން ނިކުންނަނީ މަދުންކަން އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގެއެވެ. އެހެންކަމުން ދެ އިންތިހާބު އެއްކޮށްލުމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އިޖުރާއަތް ކަމުގައިވާ އިންތިހާބުތަކުގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުވަނިވި ސަބަބެކެވެ.
އެހެން ހުރިހާ އިންތިހާބަކަށްވުރެ ރައްޔިތުންގެ ބޮޑު ސަމާލުކަމެއް ލިބޭ އިންތިހާބަކީ ރިޔާސީ އިންތިހާބެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރމަކީ ގިނަ ރައްޔިތުންގެ ވިސްނުމުގައި އެންމެ މުހިއްމު ޑިމޮކްރެޓިކް ނިންމުމެވެ. ހާއްސަކޮށް ރާއްޖެ ފަދަ ތަސައްރުފު ފުދި އަރަފޯދުމަށް ދަތުރުކުރަމުންދާ ޑިމޮކްރަސީތަކުގައި އެހެން ހުރިހާ ނިންމުމަކަަށްވުރެ އިސްކަންދީގެން ރައްޔިތުންގެ ބައިވެރިވުމާއެކު ނިންމޭ ނިންމުަމަކީ ސަރުކާރުގެ އިސްވެރިޔާ އިންތިހާބުކުރުމުގެ ނިންމުމެވެ.
މި ސަބަބަށްޓަކައި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ގުޅުވައިލުމަކީ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް ކުރިން ނުލިބޭ ޑިމޮކްރެޓިކް ޝަރުއިއްޔަތު ނުވަތަ ލެޖިޓިމަސީ ލިބި އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވުމަށް މެދުވެރިވާ ސަބަބެކެވެ. 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވަރަށް ގިނަ ދާއިރާތަކުގައި އިންތިހާބުލާން ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 50 އިންސައްތަ މީހުންވެސް ވޯޓުލާން ނުނިކުމެއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ހަމަ އެ ދާއިރާތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ބޮޑު އިންސައްތައެއް ވޯޓުގައި ބައިވެރިވެފައިވެއެވެ.
އެހެންކަމުން ދެ އިންތިހާބު އެއްކޮށް އެއް ތާރީހެއްގައި ބޭއްވުމަކީ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވެ، މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު އިތުރުވުމާއެކު، އިންތިހާބުވާ މެންބަރުންގެ ޑިމޮކްރެޓިކް ޝަރުއިއްޔަތު ނުވަތަ ލެޖިޓިމަސީ އިތުރުވާނެ ކަމެކެވެ. އަދި އާއްމުކޮށް މަޖިލިސް އިންތިހާބުތަކުގައި ވޯޓުލުމަށް ނުނިކުންނަ އާބާދީގެ ބައިތައް އިންތިހާބުގައި ބައިވެރިވާ މިންވަރު އިތުރުވާނެ ސަބަބެކެވެ. ހާއްސަކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރެވިގެންްދާނެ ގޮތެކެވެ.
ދައުރުގެ ތެރޭގައި ގިނަ އިންތިހާބުތަކެއް ބޭއްވުމުގެ ނަތީޖާއަކަށްވަނީ އިންތިހާބުތައް ކާމިޔާބުކުރަން ދޭންޖެހޭ ސަމާލުކަން ބޮޑުވުމެވެ. ދެމެހެއްޓެނެވި އިސްލާހީ ބޮޑެތި ބަދަލުތައް ގެނައުމުގައި ސަރުކާރުތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަހަކީ ކުރު ރާސްތާގައި އެފަދަ ބަދަލުތަކުން ނިކުމެދާނެ ނޭދެވޭ އަސަރަށް ދޭންޖެހޭ ބުރަދަން، ދިގު ރާސްތާގައި ނިކުންނާނެ ހެޔޮ އަސަރަށް ދެވޭ ބުރަދަނަށްވުރެ ބޮޑުވުމެވެ. މިހެންވަނީ ކުރިމަތީގައި އިންތިހާބުތައް އޮވެ، އެ އިންތިހާބުތައް ކާމިޔާބުނުކުރެވިއްޖެނަމަ ސަރުކާރު ހިންގުމުގައި އުފުލަންޖެހޭ ތަކުލީފުތަކާއި ކުރިމަތިލާންޖެހޭ ދަތިތައް ގިނަވުމެވެ.
މިސާލަކަށް ރައީސަކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު ދައުލަތުގެ މާލީ ހާލަތު އޮތް ގޮތަށް ބައްލަވައި، ތަރައްގީގެ ބައެއް މަޝްރޫއުތައް މަޑުޖައްސަވައި، ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އެޅުއްވުމަކީ ދުރު ރާސްތާއަށް އެންމެ ރަނގަޅު ގޮތް ކަމުގައިވީ ނަމަވެސް، އެގޮތަށް އެކަން ކުރައްވައިފިނަމަ، ކުރިމަތީ އޮންނަ މަޖިލިސް އިންތިހާބު ގެއްލި، މަރުތަޅު އަޅުވާނެ އިދިކޮޅު މަޖިލީހެއް އިންތިހާބުވުމުގެ ބިރުގެ ބޮޑުކަމުން އެ އިސްލާހުތައް ފަސްކުރައްވަންޖެހެއެވެ. އިސްލާހުތައް ފަސްކުރައްވަންޖެހުމުން މާލީ ދަތިކަމުން އަރައިގަތުމަށް ހޭދަވާ މުއްދަތު އިތުރުވެއެވެ. ނަމަވެސް ސިޔާސީ ހަގީގަތް ލާޒިމުކުރަނީ އެ އިސްލާހުތައް ފަސްކުރެއްވުމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ކެމްޕެއިންކުރުމުގެ ވިސްނުން އެއްފަރާތްކޮށް ހިދުމަތްކުރުމަށް ސަމާލުކަން ދިނުމަށް ފުރުސަތު ލިބެއެވެ. އަދި ކުރު ރާސްތާގައި ހާސިލުކުރަން ޖެހޭ ސިޔާސީ ކާމިޔާބުތަކުގެ ބަންދުން ވީއްލި ދުރު ރާސްތާއަށް މަސައްކަތްކުރުމުގެ ޖާގަ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށްވެސް ލިބެއެވެ. އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ މަސައްކަތް ދޫކޮށް، ޒަރޫރީ އިސްލާހުތައް ތަންފީޒުކުރުމުގެ ސިޔާސީ ގާބިލުކަން ލިބިގެންދެއެވެ. ކުރު މުއްދަތުގައި ކުރިމަތިލާންޖެހޭ އިންތިހާބުގެ ބިރު ފަހަނައަޅައި ރައްޔިތުންނަށް ދިގު މުއްދަތުން ހާސިލުކޮށްދެވޭނެ ފައިދާއަށް ސަމާލުކަންދީގެން ހިދުމަތްކުރުމަށް ފުރުސަތު ފަހިވެއެވެ.
ތެދެކެވެ. އިންތިހާބުތައް ވަކިން ބޭއްވުމަކީ ދައުލަތުން އިންތިހާބުތަކަށް ކުރާ ހޭދަ ބޮޑުވާ ކަމެކެވެ. ނަމަވެސް އިންތިހާބުތައް ދައުރުގެ ތެރެއަށް ބަހާލެވިގެން ބޭއްވުމުން ވެރިކަން ހިންގުމާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، އަދި ހެޔޮ ވެރިކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ސިޔާސީ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޝާމިލުވުމާއި ބައިވެރިވުން ކުޑަވެއެވެ. ބޮޑު ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތަށް މާލީ ގޮތުން ލިބޭ ލުއިތަކުގެ އިތުރަށް ސަރުކާރު ހިންގުމާއި ވެރިކަން ކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ނައްތައިލެވި، ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ހިދުމަތްކުރުމަށް ދައުލަތުގެ ބާރުތައް ހުސްވެގަތުމަށް ފުރުސަތު ލިބެއެވެ. މާލީ ބުރަ ކުޑަކުރެވުމުގެ އިތުރަށް މިއީ ޑިމޮކްރަސީ ހަރުދަނާކުރެވި ރައްޔިތުން ބާރުވެރިކުރުމުގެ ރާސްތާގައި ކުރިއަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.