ENGLISH

21 އޭޕްރީލު 2025

Advertisement

ވަށާފާރު ރާނާފައި ހުރި ނަމަވެސް ޝަރުތު ހަމަނުވާނަމަ ގޯތި އަތުލާނަން: މިނިސްޓަރު

14 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައިސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް ވާހަކަދައްވަނީ (ފޮޓޯ/ މިނިސްޓްރީ)

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ލިބުނު ގޯއްޗެއްގެ ރެޖިސްޓްރީ ހަވާލުކޮށް، އެތަނުގައި ވަށާފާރެއް ރޭނިޔަސް، އެއީ ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ އެއްޗެއް ނަމަ، އެ ގޯތި އަތުލާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4000 ފްލެޓު ލިބުނު މީހުންގެ ލިސްޓު ވެރިފައިކުރަން ނިންމައި އެކަމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެ ސްކީމާ ގުޅުވައި ހިންގަމުންދާ 'ސްކޭމް' ތަކާ ގުޅިގެން ވާހަހަކަދައްކަވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ސްކޭމްތަކަކީ މިނިސްޓްރީއާއި ސީދާ ގުޅުމެއް ނެތް ކަމެއް ނަމަވެސް، މިނިސްޓްރީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެކަމުގައި ހަރަކާތްތެރިވަމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ސްކޭމްތަކުގެ އިތުރުން ކޮރަޕްޝަން މެދުވެރިކޮށް ވެސް އެ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓުތައް ބައެއް ފަރާތްތަކުން ހޯދަމުންދާކަން ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ބިންވެރިޔާ ސްކީމްގެ ތެރެއިން ބަޔަކަށް އެއްޗެއް ދީފައި ހުރި ވާހަކަ. އެ މައުލޫމާތު ވެރިފައިކުރުމުގެ ތެރޭގައި މިސާލަކަށް ގޯއްޗެއް އޮތް މީހަކު ގޯއްޗެއް ނެތް ކަމަށް ހަދާފައި އޮތް ވާހަކަ. މާލެއަށް އުފަން ނޫން މީހަކު މާލޭގައި އުފަންވީ ކަމަށް ހަދާފައި ދީފައި ހުރި ވާހަކަ. އެކަހަލަ ކަންތައްތަކެއް އުޅޭނަމަ އަޅުގަނޑުމެން އެ މައްސަލަ ބަލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެފަދަ ފަރާތްތަކަށް މިނިސްޓަރު ދެއްވީ "ނުހައްގުން" ހޯދާފައިވާ ގޯއްޗާއި ފްލެޓުތައް އެއީ ކޮންމެ ގޮތަކުން ހޯދި އެއްޗަކަށް ވީނަމަވެސް އަތުލާނެކަމުގެ އިންޒާރެވެ. އެ މަސައްކަތް ފައްޓަވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނެވެ.

"އަޅުގަނޑު މިތަނުގައި ވެސް ދަންނަވާލަން ބޭނުންވޭ ގޯތި ރަޖިސްޓްރީ ދީފައި ގޯތި ހަވާލުކޮށްފައި އޮތް ކަމުގައި ވީނަމަވެސް އަދި އެތަނުގައި ވަށާފާރު ރާނާފައި އޮތް ކަމުގައި ވީނަމަވެސް ޝަރުތު ހަމަނުވާ މީހަކަށް ބިމެއް ދިފައި އޮތް ކަމަށްވެއްޖިއްޔާ އަޅުގަނޑުމެން އެމީހެއްގެ އަތުން އޭތި އަތުލާނަމޭ. ފިޔަވަޅު އަޅާނަމޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަން ފަދަ ހައްސާސް މައްސަލަތަކުގައި ކޮރަޕްޝަނަށް ޖާގަދޭން ބޭނުންނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު