ENGLISH

21 އޭޕްރީލު 2025

Advertisement

4000 ފްލެޓު ލިބުނު މީހުންގެ ލިސްޓު ވެރިފައިކުރަނީ

14 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް

"ގެދޮރުވެރިޔާ" ސްކީމަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއް އިވޭލުއޭޓް ނުކޮށް، އެ ސްކީމްގެ ދަށުން 4000 ފްލެޓު ލިބުނު މީހުންގެ ލިސްޓު ވެރިފައިކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރިފަހުން މީޑިއާއާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި މުއްތަލިބު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އެ ލިސްޓުގެ މަސައްކަތް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ހަތަރު ހާސް ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު ކުރީ ސަރުކާރުން އާއްމުކުރީ ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވާން ދެ ދުވަހަށް ވެފައިވަނިކޮށެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ސަރުކާރުން ފްލެޓު ލިސްޓު އާއްމުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެ މަސައްކަތް ހުއްޓާލުމަށް އަންގާވައިވަނިކޮށް ކަމަށެވެ. އޭސީސީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އެންމެންގެ މެދުގައި "ހަމަހަމަކަމާ އެކު އަމަލުކޮށްފައި" ނެތުމެވެ.

"އޭސިސީގެ ތަހުގީގުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ މާލޭގައި މެދުނުކެނޑި އުޅެމުންދާ މުއްދަތުތައް ބެލުމުގައި އެއް ހަމައެއް ގެންގުޅެފައިނުވާކަން. ވަކިން ހާއްސަކޮށް، މެދުނުކެނޑި މާލޭގައި ދިރުއުޅުން މާނަކޮށްފައިނުވާތީ، އެކި ގޮތްގޮތަށް އިވޭލުއޭޓްކުރި ފަރާތްތަކުން އަމަލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައި." - ރައީސް އޮފީހުގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވިއެވެ.

މެދުނުކެނޑި މާލޭގައި ދިރިއުޅުނު ކަމަށްވާނީ މިހާރު މިނިސްޓްރީން ނިންމަވާފައިވާގޮތުން ނަމަ އެކަމަށް އެއް އަހަރުގެ މެދުކެނޑުމެއް ނާންނަ ކަމަށްވާ ނަމަ އެވެ. އެގޮތަށް އަމަލުކުރަން ނިންމީ ކުރިން ވަކި ގޮތަކަށް އެކަން މާނަކޮށްފައި ނެތުމާއި އެކު 2015 ވަނަ އަހަރު ހިންގި ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގައި ވެސް އެގޮތަށް އަމަލުކޮށްފައި އޮތުމުންނެވެ. އެކަމަކު އެކަމަށް އިސްތިސްނާވާނެ ހާލަތުތަކެއް ކަނޑައަޅާފައިވާކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެއީ:

  • މާލޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަކި މުއްދަތަކަށް މާލެއިން ބޭރުގައި ވަޒީފާއަދާކޮށްފައިވާ މުއްދަތު
  • މަތީ ތައުލީމު ހާސިލުކުރުމަށް މާލެއިން ނުވަތަ ރާއްޖޭއިން ބޭރުގައި ހޭދަކޮށްފައިވާ މުއްދަތު
  • މާލޭގައި އާއިލާ ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތު

އެހެންކަމުން 4000 ފްލެޓު ލިބުނު މީހުންގެ ފޯމުތައް ވެރިފައިކުރާއިރު، އެ ލިޔެކިޔުންތަކުގެ ސައްހަކަން ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.  އެއަށްފަހު ލިސްޓާ މެދު ޝަކުވާ ހުށަހަޅަން އާއްމުންނަށް ހުޅުވާލާނެކަން ވެސް ފާހަގަކުރެއްވި އެވެ.  

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިންމުމަށްފަހު ފައިނަލް ލިސްޓު ގެޒެޓު ކުރާނީ، ހުށަހަޅާފައިވާ ފޯމުތަކުގެ މައްސަލައެއްވާ ނަމަ، އެކަން ވެސް ފެންނަން ހުންނާނެ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު