ENGLISH
21 އޭޕްރީލު 2025
ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާތައް ބާއްވައިފި
14 ޖެނުއަރީ 2025
|
ފޮޓޯ: ޙާރިޖީ ވުޒާރާ
ދިވެހިރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ފުރަތަމަ ފަހަރަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފޮރިން މިނިސްޓްރީން އިންތިޒާމްކުރައްވައިގެން ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ވަފުދުގައި އިސްކޮށް ތިއްބެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އަޒަރުބައިޖާންގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެލްނޫރު މަމަޑޯވް އެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވަނީ އިންވެސްޓްމަންޓް، ތައުލީމާއި ސަގާފަތާއި ފަތުރުވެރިކަމާއި ކަނެކްޓިވިޓީ ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވް އާއި ދެމެދު މިދިޔަ އަހަރު ބާކޫގައި ބޭއްވި ކޮޕް 29 ސަމިޓުގައި އެއްބަސްވެވުނު ކަންކަން އަލުން މުރާޖައާ ކުރެއްވިއެވެ.
އަދި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަލްޓިލޭޓަރަލް ކޯޕަރޭޝަން ކުރިއެރުވުމާއި، އިޤްތިޞާދީ އަދި ޘަޤާފީ ތަރައްޤީގައި ހިއްސާވާ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެފަރާތުން ވެސް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ޤައުމުން ވެސް ވަނީ މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަޒަރުބައިޖާންގެ ޑެޕިއުޓީ މިނިސްޓަރު މަމަޑޯވް އިސްވެ ހުންނަވާ މަތީ ފަންތީގެ ވަފުދެއްގައި އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އެޖެންސީ (އަޒްޕްރޯމޯ) ގެ އޮފިޝަލުންނާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި މި ވަފުދުގެ ބޭފުޅުން ރާއްޖޭގެ މުހިންމު ފަރާތްތަކާ އެކު އިންވެސްޓްކުރުމުގެ ފުރުޞަތުތައް ދެނެގަނެ، ޕާޓްނަރޝިޕްތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެވަފުދުގެ ބޭފުޅުން ވިދާޅުވިއެވެ.
މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ދެ ޤައުމުން ވެސް އިސްކަންދޭ ކަންކަމުގައި ގާތް ގުޅުމެއް ބާއްވައި، ދުރު ރާސްތާގެ އެކުވެރިކަން ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެ ޤައުމުން ވެސް ދެއްވިއެވެ.