ENGLISH
21 އޭޕްރީލު 2025
ޕާޓީގެ ނަމުގައި ސައްހަނޫން ފޯމް ހުށަހެޅިކަން ފާހަގަކުރެވިފައިވޭ، ތަހުޤީގަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޕީއެންސީ
14 ޖެނުއަރީ 2025
|
ޕީއެންސީގެ އިސް ބައެއް ބޭފުޅުން --- ފޮޓޯ: ޕީއެސްއެމް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އީސީ އާއި ފުުހުންނަށް މިކަން ބެލުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "މެންބަޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އީސީއަށް ހުށަހަޅާފައި ވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ސައްހަ ނޫން ފޯމުތަކެއް ޕީއެންސީގެ ނަމުގައި އީސީއަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށް އީސީ އާއި ފުުހުންނަށް ޝަކުވާތަކެއް ލޮގް ކޮށްފައިވާތީ އެ ދެ މުއަައްސަސާއިން ވެސް އެ މައްސަލަތައް ބަލަމުން ގެންދާކަން އަންގާފައިވާ ކަމަށާއި އެ ދެ މުއައްސަސާއަށް މިކަން ބެލުމުގައި ފުރިހަމަ އެއްބާރުލުން ޕާޓީން ދެމުން ގެންދާނެ ކަމަށްވެސް ޕީއެންސީން ބުނެފައިވެ އެވެ.
ޕީއެންސީ އިން ވަނީ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ މާހައުލެއް ރާއްޖޭގައި ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް ރާއްޖޭގައި ވަސީލަތްތައް ހުރި ގޮތުން މިކަމަކީ އެ ޕާޓީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫންކަން ފާހަގަކޮށްފަ އެވެ.
ޕީއެންސީން ފާހަގަ ކުރި ގޮތުގައި، އެ ގާބިލުކަން ޕާޓީގައި ނެތުމަކީ ޕާޓީ ސިސްޓަމް ރާއްޖެއަށް އައީއްސުރެ އެހެން ޕާޓީތަކަށް ވެސް ދިމާވާ މައްސަލައެކެވެ.
"ޕާޓީން އިލެކްޝަންސް ކޮމިޝަން ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑް ކުރަމުން ދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ނަތީޖާއަކީ، ފޯމެއްގެ ސައްހަކަމާ މެދު ސުވާލެއް އުފެދޭ ހިސާބަކީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާއެއް ކަމުގައިވުމެވެ،" - އެ ބަޔާނުގައި ބުންޏެވެ.
ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ ޕާޓީއަށް މެއިލް ކުރުމަށްވެސް ޕީއެންސީ އިން ވަނީ އެދިފަ އެވެ.
ޕީއެންސީ އިން ބުނީ ސައްހަ ނޫން ފޯމުތަކެއްގެ މުގާބިލުގައި ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ޕާޓީގެ ރައީސް އަދި ލީޑަޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.