ENGLISH

21 އޭޕްރީލު 2025

Advertisement

އީސީއަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތަކަށް ކޮމިޓީގެ ރުހުން

14 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

އިލެކްޝަންސް ކޮމިޝަން (ފޮޓޯ/ދިޔަރެސް)

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކަށް، މަޖިލީހުގެ ކޮމިޓީން ރުހުން ދީފި އެވެ.

އީސީގެ މަގާމުތަކެއް ހުސްވީ، ކުރިން އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަލީ ނަޝާދު އަދި މެމްބަރަކަށް ހުންނެވި މުހައްމަދު އާސިފް މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ. އެގޮތަށް މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު 25 ގަ އެވެ.

އެ މަގާމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވި ދެ ބޭފުޅުންނަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސަކަށް ކުރިން ހުންނެވި މުހައްމަދު ޒާހިދާއި ކ. ހުރާ، ރޯޒް، އަބްދުއްރަހްމާން ސޮލާހު ރަޝީދެވެ. އެ ދެ ބޭފުޅުންނާއި އިންޓަވިއުކޮށް މާކްސް ދީފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ނިންމީ ވޯޓަށް ހާޒިރުވެވަޑައިގެންތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު މަގާމުން ވަކިކޮށްފިނަމަ، 60 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަންޖެހޭނެ ކަމަށް އެ ކޮމިޝަންގެ ގާނޫނުގައިވެ އެވެ. އެ މަސައްކަތް މިދިޔަ އަހަރުގެ ފަހު ދައުރުގައި ނިންމިފައިނުވާއިރު، އަންނަ ދައުރު ފެށުމުގެ ކުރިން ގާނޫނުގައި އެކަމަށް ދީފައިވާ މުއްދަތު ހަމަވެ އެވެ. އެހެންވެ އަންނަ ހޯމަ އަދި ބުރާސްފަތި ދުވަހު ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް މަޖިލީހުން ވަނީ ނިންމަވައިފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު