ENGLISH
21 އޭޕްރީލު 2025
ބްރޯޑްކޮމްއަށް އައްޔަނުކުރާނެ މެމްބަރުންގެ ލިސްޓު ތަޅުމަށް ފޮނުވައިފި
14 ޖެނުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށް އެ މައްސަލަ ދިރާސާކޮށް، ކޮމިޓީން ރުހުން ދިން ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
އެ މަގާމުތަކަށް 12 ބޭފުޅުން ކުރިމަތިލެއްވިއިރު، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ލިސްޓު މަޖިލީހަށް ފޮނުއްވެވީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ އަދި އިބްރާހީމް އަޝްރަފްގެ ނަމެވެ.
ބްރޯޑްކޮމްއަށް އައްޔަނުކުރާނެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަނޑައެޅީ އެ ހުރިހާ ބޭފުޅުންނާއި އިންޓަވިއުކުރުމަށްފަހު އެވެ. އެ މަރުހަލާއިން އެންމެ މަތިން މާކްސް ލިބުނީ ރައީސްގެ ލިސްޓުގައި 7 ވަނައަށް އޮތް ސަރާހަތު އިއްޒަތަށެވެ. ނޫސްވެރިޔާ ޝިފްޒާ މުސްތަފާއަށް ދެވަނަ އަށް އެންމެ މަތިން މާކްސް ލިބުނުއިރު ދެން އެންމެ މަތިން މާކްސް ލިބިފައިވަނީ މުހައްމަދު އަބްދުﷲ އަށެވެ. ހަތަރު ވަނައަށް އޮތީ ޝިމްލާ މުހައްމަދުގެ ނަމެވެ.
ބްރޯޑްކޮމްގައި ހުސްވެފައިވަނީ ދެ މަގާމު ކަމަށްވީ ނަމަވެސް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކޮމިޓީން ވަނީ އެންމެ މަތިން މާކްސް ލިބުނު ހަތަރު ބޭފުޅުންގެ ނަން، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ތަޅުމަށް ފޮނުވާފަ އެވެ.
ބްރޯޑްކޮމްގެ ދެ މަގާމެއް ހުސްވެފައިވަނީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ އިތުރުން މެމްބަރު އަލީ ޔޫސުފްގެ މަގާމުގެ ދައުރު މިދިޔަ ޑިސެމްބަރު 5 އަށް ހަމަވުމުން ނެވެ. ކޮމިޝަންގެ މެމްބަރުކަމުގެ މުއްދަތު ހަމަވުމުގެ ކުރިން އާ މެމްބަރުން އައްޔަނުކުރަންޖެހޭނެ ކަމަށް ބްރޯޑްކާސްޓިން ގާނޫނުގައި އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ފަހު ދައުރު ނިންމާލުމަށްފަހު ޗުއްޓީއަށް ދިޔައީ އެ މަގާމުތަކަށް ބޭފުޅުން އައްޔަނުނުކޮށެވެ. އެއާއެކު އަންނަ ބުރާސްފަތި އަދި ހޯމަ ދުވަހު ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް މަޖިލީހުން ވަނީ ނިންމަވައިފަ އެވެ.