ENGLISH
21 އޭޕްރީލު 2025
އެސްޓޯނިއާގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައިފި
13 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަތުމުން އެ މަނިކުފާނަށާއި އެ މަނިކުފާނުގެ ވަފުދަށް އެސްޓޯނިއާގެ ރައީސް މަރުޙަބާ ދަންނަވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައެވެ.
މި ރަސްމިއްޔާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކަރިސް ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް އެސްޓޯނިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ރައީސް ޑޮކްޓަރ ކަރިސްއަށް ތަޢާރަފުކޮށްދެއްވިއެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް މި ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.