ENGLISH
21 އޭޕްރީލު 2025
ވިއްސާރައިގެ ގެއްލުން ކުޑަކުރަން މުޅި ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް
13 ޖެނުއަރީ 2025
|
ކަމާ ބެހޭ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާތީ، އެކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކަމާ ބެހޭ އިދާރާތައް ގުޅިގެން މުޅި ރާއްޖޭގައި ޚާއްސަ އޮޕަރޭޝަނެއް ފައްޓަވައިފި އެވެ.
ރާއްޖޭގެ އިރުން ހުޅަނގު ދެކުނުން، ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ ކަމާ ބެހޭ އިދާރާތަކުން ވަނީ ރާއްޖޭގައި އާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތައް ދެނެގަނެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެމްއެންޑީއެފް އާއި ފުލުހުންގެ ޚިދުމަތް އަދި އެންޑީއެމްއޭއިން ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލްތައް ވަނީ ހިއްސާކުރައްވާފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވި ގޮތުގައި މިއީ ސީދާ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެގެންގެވުމުގެ ދަށުން ފެއްޓެވި ހާއްސަ އޮޕަރޭޝަނެކެވެ. އަދި އެ އޮޕަރޭޝަންގެ ހުރިހާ ކަމެއްވެސް އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.
"ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހުރިއްޔާ ވަނީ އިރުޝާދު ދެއްވާފައި،" ހިލްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސިފައިން ގާއިމުވެގެން ތިބޭއިރު ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމަޔަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.
މާލެއަކީ އާއްމުކޮށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބޭ ތަނަކަށްވާއިރު ހިލްމީ ވަނީ މާލެއިން މިވަގުތު ވެސް ވެލި ބަސްތާތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިފަވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން، ހ. ކުޑަކުދިންގެ ބަގީޗާއާއި ސަލްމާން މިސްކިތް ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދުން ވެލި ބަސްތާތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާޢު ވިދާޅުވީ، ވިއްސާރައިން ގެއްލުންވުމުން ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ސިފައިންނާއި ފުލުހުން 24 ގަޑިއިރު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. މިހާރުވެސް އެ މަސައްކަތް ކުރަމުންދާއިރު ޝުޖާޢު ވަނީ މާލޭގައި ޢާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތައް ފާހަގަކޮށް 50 އަށް ވުރެ ގިނަ ތަންތަނުގައި ވެލިބަސްތާތައް ޖަހާފައިވާކަން ފާހަގަކުރައްވާފަ އެވެ.